ޚަބަރު

ޕީއެސްއެމް ނިއުސް: ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި 9 އަހަރު


  • ޕީއެސްއެމް ނިއުސް ޗެނަލް އުފެދުނީ 3 މޭ 2017ގައި

  • ޚަބަރާއި ޕްރޮގްރާމްތައް 24 ގަޑިއިރު ގެނެސްދޭ

  • ޚާއްޞަ ކަވަރޭޖްތަކާއި ޑޮކިއުމެންޓްރީތައް އުފައްދާ

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ކުޑައިގެ ދަށުން ހިންގާ ޕީއެސްއެމް ނިއުސް ޗެނަލްގެ އެންމެ ބޮޑު ބޭނުމަކީ ވަގުތުން ވަގުތަށް އެންމެ އަވަހަށް ސައްޙަ ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

މި ޗެނަލަށް 9 އަހަރު މިއަދު ފުރިގެންދާއިރު، ނިއުސްޓީމުގެ މަސައްކަތާއެކު ފާއިތުވި މުއްދަތުގެ ތެރޭގައި މިވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ބްރޯޑްކާސްޓިން ކުންފުނި، މިހާރުގެ ނަމުންނަމަ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ދަށުން "ޕީއެސްއެމް ނިއުސް" އުފައްދާ ޚިދުމަތް ދޭން ފެށީ 2017 ވަނަ އަހަރުގެ މޭމަހުގެ 3 ވަނަ ދުވަހުއެވެ. މިއީ ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި 24 ގަޑިއިރު ޚިދުމަތްދޭން ފެށި ފުރަތަމަ ޓީވީ ޗެނަލެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތި، 24 ގަޑިއިރު މި ޗެނަލުން އަންނަނީ ޚިދުމަތް ދެމުންނެވެ. ޕީއެސްއެމް ނިއުސްގެ ކޮންމެ ކޮންޓެންޓަކީ ޚަބަރާއި މަޢުލޫމާތާއި ކަރަންޓް އެފެއާޒް ކަންކަމަށް ޚާއްސަކޮށްގެން ގެނެސްދޭ ކޮންޓެންޓެވެ.

މީގެ ތެރޭގައި އެކި ދާއިރާތަކުން ރާއްޖެއާއި ރާއްޖޭން ބޭރުގެ މަޝްރަހުން ހިނގާ މުހިންމު ކަންކަމުގެ މަޢުލޫމާތު ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ އިންޓަރވިއުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، މިވީ މުއްދަތުގެ ތެރޭގައިވެސް ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ނިއުސް ޗެނަލުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

ބޮޑެތި ކަވަރޭޖްތަކާއި، އެކި ދާއިރާތަކުން ހޭލުންތެރިކުރުމަށް ގެނެސްދޭ ޕްރޮގްރާމްތަކާއި ޤައުމީ އަދި ބައިނަލްއަޤްވާމީގޮތުންވެސް ފާހަގަކުރާ ޚާއްސަ ދުވަސްތަކާ ގުޅުވާ އެކި ޕްރޮގްރާމްތައް ގެނެސްދެމުން އަންނަކަން ޝަކީބް ފާހަގަކުރެއްވިއެވެ.

އެމްޑީ ޝަކީބް ވިދާޅުވީ، ކުރިއަށްއޮތްތަނުގައި ނިއުސް ޗެނަލްގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިވެ ފުޅާވެގެންދާނެކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ތެދުތެދަށް ދަންނަވާކަމަށްވާނަމަ ޚަބަރުތަކާ އެއްޗެހި ބޮޑަށް އަމާޒުކުރެވިފައި މި ހުންނަނީ އަދި ތަންކޮޅެއް ލިމިޓެޑްކޮށް ނޫނީ ވިއްޔާ މާލެ ސަރަޙައްދުގެ ޚަބަރުތަކަށްކަމަށް ބެލެވިދާނެ ބައެއް ފަހަރު. އެހެންނަމަވެސް ރާއްޖެއަކީ މާލެ އެކަންޏެއްނޫން. އެހެންވީމަ ކުރިއަށްއޮތްތާނގައި ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކުން އަޅުގަނޑުމެން ޚަބަރުތައް ބްރޭކިންގ ނިއުސް ކަހަލަ އެއްޗެއްސަށް ދަންދެން މި ދެންނެވީ ގެނެވޭނެ ކަހަލަގޮތަކަށް މަސައްކަތް ފުޅާވެގެންދާންޖެހޭ." ޕީއެސްއެމްގެ އެމްޑީ ވިދާޅުވިއެވެ.

ބެލުންތެރިންނާ ހަމައަށް ވަގުތުން އެއިރެއްގެ އެންމެ ތާޒާ ޚަބަރުތައް ގެނެސްދިނުމަކީ ޕީއެސްއެމް ނިއުސް ޓީމުގެ އެންމެ މުހިންމު އަމާޒެއެވެ. އެގޮތުން ރާއްޖޭގެ ޚަބަރުތަކާއި، ކުޅިވަރާއި ވިޔަފާރި ޚަބަރުތަކާއި ބޭރު ދުނިޔޭގެ ޚަބަރުތައް ދިވެހި ބަހުންނާއި އިނގިރޭސިބަހުން އަންނަނީ ގެނެސްދެމުންނެވެ.

ކަރަންޓް އެފެއާޒް ޕްރޮގްރާމްތައްވެސް ޕީއެސްއެމް ނިއުސްއިން އަންނަނީ ގެނެސްދެމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ކުރަމުންދާ އެކިއެކި މަސައްކަތްތައް ހިމަނައިގެން ގެންނަ ޕްރޮގްރާމްތަކާއި، ވިޔަފާރިއަށް ޚާއްސަ ޕްރޮގްރާމްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ޚާއްސަކޮށް ގެންނަ ޕްރޮގްރާމުތަކުގެ އިތުރުން ކުޅިވަރަށް ޚާއްސަކޮށްގެންވެސް ކޮންމެ ހަފްތާއަކުވެސް އަންނަނީ ޚާއްސަ ޕްރޮގްރާމްތައް ގެނެސްދެމުންނެވެ.

މީގެ އިތުރުން ރާއްޖެއާ ބޭރުގެ އެކި ޤައުމުތަކާއި އެކި ޖަމިއްޔާތަކާ ދެމެދު އޮންނަ ގުޅުންތަކުގެ މައްޗަށް ޚާއްސަކޮށްގެންވެސް ޕްރޮގްރާމްތައް އަންނަނީ ގެނެސްދެމުންނެވެ.

މިޕްރޮގްރާމުތަކުގެ އިތުރުން ކޮންމެ ދުވަހަކު ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްރަހަށް ބަލާލާ ގެނެސްދޭ "ދުނިޔޭގެ ކަޅި" ޕްރޮގްރާމާއި އަދި އެއިރެއްގެ މުހިންމު ކަންކަމަށް އަލިއަޅުވާލާ ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ ޕްރޮގްރާމްތަކެވެ.

ހަމައެހެންމެ މި ޒަމާނަކީ ސޯޝަލް މީޑިއާގެ ޒަމާންކަމަށްވުމާއެކު ޚަބަރާއި މަޢުލޫމާތު ވީހާވެސް ގިނަ އާންމުންނާއި ހަމައަށް ގެނެސްދިނުމަށްޓަކާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް ޕީއެސްއެމް ނިއުސްއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކޮންމެ ދުވަހަކު ގެނެސްދޭ ޕްރޮގްރާމްތަކާއި ހަފްތާއަކު ގެނެސްދޭ ޕްރޮގްރާމްތަކުގެ އިތުރަށް ބޮޑެތި ލައިވް ކަވަރޭޖްތަކާއި، ބްރޭކިން ނިއުސްތައް އެންމެ އަވަހަށް އެންމެ ތާޒާކަމާއެކު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސްގެ މުޅި ޓީމުން ކުރާ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ.