ޚަބަރު

ފުރަތަމަ ޑިވިޝަނުގެ ފައިނަލަށް މެޓްރިކްސް އަދި ކޭވައިއާރުސީ


  • ދެ ޑިވިޝަނުގެ ފައިނަލް މެޗުވެސް ކުޅޭނީ ބުރާސްފަތި ދުވަހު

  • މުބާރާތުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި

ނެޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 23 ވަނަ ގައުމީ ނެޓުބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލަށް ކްލަބް މެޓްރިކްސްއާއި ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް ދަތުރުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މިމުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކްލަބް މެޓްރިކްސްއިން ކަށަވަރުކުރީ އެމްވީ ނެޓާސްއާއި ވާދަކޮށް 16-117 ގެ ބޮޑު ފަރަގަކުން މެޗު ކާމިޔާބުކޮށްގެނެވެ. މިއީ މިހާތަނަށް މި މުބާރާތުގައި ފެނުނު އެންމެ ތަފާތު ބޮޑު ސްކޯއަށްވާއިރު، މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ މެޓްރިކްސް ސެންޓަރ ހަމްނާ ޢަބްދުއްރަޙްމާންއެވެ.

ފުރަތަމަ ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ކެވައިއާރްސީއިން ހޯދިއިރު މިމެޗު ފެނިގެންދިޔައީ ފޯރި ގަދަ މެޗެއްގެ ގޮތުގައެވެ. ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު ކޭވައިއާރްސީއިން ކާމިޔާބުކުރީ 11 ޕޮއިންޓުގެ ތަފާތަކުން، 61-50 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭވައިއާރްސީގެ ޖީއޭއަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ ބަލަޕަވަޑުގެ ހާސިތާ ލަކްމާއި މަންޑިސްއެވެ.

ގައުމީ ނެޓުބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލުގެ ޖާގަތައް ކަށަވަރުވެފައިވާއިރު ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެގޮތުން މާދަމާ ރޭ ކުޅޭ ފުރަތަމަ މެޗުގައި އެސްސީ ޝައިނިން ސްޓާ އަދި އިންވިކްޓޯ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި އެރޭ އެން ސްޕޯޓްސް އެކަޑަމީ ނުކުންނާނީ ފިއޯންތީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މާދަމާ މެޗުތަކަށްފަހު ދެވަނަ ޑިވިޝަނުގެ ފައިނަލުގެ ޖާގަތައް ކަށަވަރުވާއިރު، ދެ ޑިވިޝަނުގެ ފައިނަލް މެޗުވެސް އޮންނާނީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ހަވީރު ދެވަނަ ޑިވިޝަނުގެ ފައިނަލް އަދި އެ ދުވަހުގެރޭ ފުރަތަަމަ ޑިވިޝަނުގެ ފައިނަލް އޮންނާނެއެވެ.