ޚަބަރު

މާދަމާ މުޅި ރާއްޖެއަށް ވިއްސާރަ، 3 ދުވަހުވެސް ކެރީގެ އަސަރު ކުރާނެ


  • ވިއްސާރަވިނަމަވެސް ވަޔާއި ކަނޑު މަޑުވާނެ

  • ހުރިހާ ހިސާބުތަކަށްވެސް ގުގުރުމާއެކު ވާރޭ ވެހޭނެކަމަށް ބެލެވޭ

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެވެ.

މެޓް އޮފީހުން ވިދާޅުވީ މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަވާނެކަމަށެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރަށް ވިއްސާރަވާނެކަމަށެވެ. އަދި ދެކުނަށްވެސް ކެރީގެ އަސަރު ކުރާނެއެވެ.

ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެއެވެ.

ވިއްސާރަނަމަވެސް، ވައި މަޑުވެފައި ކަނޑުތައްވެސް މަޑުވާނެއެވެ. ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު ގަދަވުން އެކަށީގެންވެއެވެ. އާއްމުގޮތެއްގައި ވައި ޖެހޭނީ 3 މެލާ 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މެޓުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ގުގުރުމުގެ އަސަރު ކުރާނެކަމަށް ބެލެވޭކަމަށެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ މޭ މަހުގެ ފަހުކޮޅުގައެވެ.