ފުޓްސަލް ކޮންޕްލެކްސްއާއި ނެޓްބޯލް ކޮންޕްލެކްސް ޤާއިމް ކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖެހި، ކުރެހުންތައް ފަރުމާކުރުމަށް ދެ ކުންފުންޏަކާއެކު ސޮއިކޮށްފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ މި ދެ ޕްރޮޖެކްޓަށް ބޭނުންވާ ބިންވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމަހުގެ ތެރޭގައި އެ ދެ ތަނުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
”އެކަމަށް ތައްޔާރުވުމުގެ ގޮތުން މިހާރު މިވަނީ މި ދެ ޕްރޮޖެކްޓްވެސް ފަރުމާ ކުރުމަށްޓަކައި ދެ ކޮމްޕެނީއަކާއި ސޮއިކުރެވި މީގެ ބަޖެޓުވެސް ހަމަޖެހި ބިންވެސް ހަމަޖެހިފައި. އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ“ ވަޒީރު ވިދާޅުވިއެވެ.
ފުޓްސަލް ކޮމްޕްލެކްސް އާއި ނެޓްބޯލް ކޮމްޕްލެކްސްގެ އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.
މި ދެ ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށްފަހު ނުހުއްޓި ކުރިޔަށްދާނެ ކަމަށް ސަރުކާރުން ވަނީ ޔަގީންކަން ދެއްވާފައެވެ. ފުޓްސަލް ކޮމްޕްލެސް އާއި ނެޓްބޯލް ކޮމްޕްލެކްސް އަކީ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް ތައްޔާރުކުރާ ދެ ކޮމްޕްލެކްސްއެވެ.
އަދި މި ފުޓްސަލް ކޮމްޕްލެކްސް ވެގެންދާނީ މި ސަރަހައްދުގައި އަޅާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް ކޮމްޕްލެކްސްއަށް ކަމަށް ސަރުކާރުން ބުނެއެވެ. މިތަން ތަރައްޤީކުރަނީ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ސްޓޭޑިއަމަކާއި ހަތަރު ޕްރެކްޓިސް ފިޗާއި ރެސްޓޯރެންޓާއި އެކުގައެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްސަލްގެ އެއްވަނަ ޓީމު ރާއްޖޭގައި އޮންނައިރު މި ވަސީލަތްތައް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ފުޓްސަލް ޓީމަށް ބައިނަލްއަގްވާމީ މުބާރާތްތަކަށް ތައްޔާރުވުމުގައި މިހާރު ހުރި ދަތިތަކަށް ހައްލު ލިބޭނެ މަޝްރޫއެކެވެ.
ސައުތު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (ސާފ) އިން މުޅިން އަލަށް މި ސަރަހައްދަށް ހުޅުވާލައިގެންބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފަހުރުވެރި އެއްވަނަ ހޯދާ ރަން ތަށި ކާމިޔާބުކޮށްފައިވަނީ ދިވެހި ރާއްޖެއިންނެވެ.