ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ކާމިޔާބު ހޯދައިދިން ޒުވާން ޓީޓީ ޓީމަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިންޑިއާގެ ޝިމްލާގައި އޭޕްރީލް 8-11 އަށް ބޭއްވި މި މުބާރާތުން 7 މެޑަލް ހޯދައިގެން ރާއްޖެ އައި ޓީމަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.
ކުޅިވަރު ވަޒީރު ވަނީ ޒުވާން ކުޅުންތެރިން މުބާރާތުގައި ދެއްކި ހިތްވަރު ފާހަގަ ކުރައްވައި ކުޅުންތެރިން ހޯދި ކާމިޔާބީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިޔަށް ހުރި މުބާރާތްތަކުގައި އިތުރު ކާމިޔާބީ ހޯދާ ރަން މެޑައްޔަށް މަސައްކަތް ކުރުމަށް އެތުލީޓުންނަށް ހިތްވަރު ދެއްވައިފައެވެ.
މީގެ އިތުރުން މި މިބާރާތަށް ޒުވާން ޓީޓީ ޓީމު ތައްޔާރުކޮށްދިން ކޯޗުންނާއި ޓީޓީ އެސޯސިއޭޝަނުގެ މަސައްކަތް ފާހަގަކުރައްވާ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތަސީންއެވެ.
މި މުބާރާތުން ރާއްޖެއިން ހޯދި ކާމިޔާބީތަކުގެ ތެރޭގައި 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ހަލަފް އާއި އަލްސާގެ ޕެއާއިން ވަނީ ރިހި މެޑަލް ހޯދާފައެވެ.
އަދި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ދީމާ އާއި ޙަލަފްގެ ޕެއާވެސް ވަނީ ރިހި މެޑަލް ހޯދާފައެވެ. މީގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ރާއްޖެއަށްވަނީ ރިހި މެޑަލް ލިބިފައެވެ.
19 އަހަރުން ދަށުގެ ފިރިހެން ޓީމު އިވެންޓާއި 19 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުންވެސް ރާއްޖެއަށް ވަނީ ލޯ މެޑަލް ހޯދާފައެވެ.
19 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުން ދީމާ ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުން ދީމާ އާއި މިޝްކާ ވަނީ ލޯ މެޑަލް ހޯދާފައެވެ.