ޚަބަރު

ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއެޅުމުގައި ނޭޓޯއިން ބައިވެރިނުވާނެ


ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ރޭވުމުގައި ނޭޓޯގެ ޤައުމުތަކުން ބައިވެރި ނުވާނެ ކަމަށް ޤައުމުތަކުން ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅައިފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމްކުރުމާއެކު އީރާނުން ވަނީ އެ ކަނޑިއޮޅި ބޭނުންކުރުމުގައި ލުއި ދީފައެވެ. ނަމަވެސް ޔަހޫދީން ލުބުނާނަށް ޙަަމަލާ ދިނުމުން އެކަމާ ހިތްހަމަ ނުޖެހި އީރާނުން ވަނީ އަނެއްކާ ވެސް އެ ކަނޑުއޮޅި ބޭނުންކުރުން ކޮންމެވެސް ދަރަޖައަކަށް ދަތިކޮށްފައެވެ.

ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅިން ބޯޓުފަހަރު ހުރަސްކުރުން އެހެން ޤައުމުތަކާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ ހަ ހަފްތާއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ މެދުއިރުމަތީ ހަނގުރާމައިގައި ޙަމަލާ ބަދަލުކުރުން މެދުކަނޑާލައި، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދިޔަ ޞުލްޙައިގެ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި ނިންމާލާފައި ވަނިކޮށެވެ. އެމެރިކާގެ އަސްކަރިއްޔާއިން ފަހުން ބުނީ އޭޕްރިލް މަހުގެ 13ވަނަ ދުވަހުގެ ޖީއެމްޓީ ގަޑިން 2 ޖަހާއިރުގެ ފަހުން އީރާނުން ފުރާ އަދި އީރާނަށް ދަތުރުކުރާ އުޅަނދު ފަހަރަށް ހުރްމުޒް ކަނޑުއޮޅި ހުރަސްނުކުރެވޭނެ ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަސްއެޅުމުގައި އެހެން ޤައުމުތަކުން ބައިވެރިވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ނޭޓޯގެ ބައިވެރިން ބުނީ އެ މަސައްކަތުގައި ނޭޓޯގެ ޤައުމުތަކުން ބައިވެރިވެ، އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ނުވަންނާނެ ކަމަށެވެ. ނަމަވެސް ހުރްމުޒް ކަނޑުއޮޅިން ހުރަހެއް ނެތި ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް އެ ޤައުމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. ނޭޓޯއިން ހުރްމުޒް ކަނޑުއޮޅީގައި ޙަރަކާތްތެރިވާ ނަމަ ޙަރަކާތްތެރި ވާނީ މެދުއިރުމަތީގެ ހަމަނުޖެހުން ހަމައަކަށް އެޅުމުން ކަމަށް ވެސް ބުނެފައިވެއެވެ.

ޓްރަމްޕްގެ ރޭވުމާ އެއްގޮތަށް ނޭޓޯގެ ޤައުމުތަކުން ޢަމަލުނުކުރުމަކީ އޭގެ ސަބަބުން ޓްރަމްޕްގެ ހިތްހަމަނުޖެހުން ރައްދުވާނެ ނިންމުމެކެވެ. ޓްރަމްޕް ވަނީ ނޭޓޯއިން އެމެރިކާ ވަކިކުރާނެ ކަމުގެ އިންޒާރު ވެސް މީގެ ކުރިން ދެއްވައިފައެވެ. އީރާނަށް ޙަމަލާ ދިނުމަށް ވިލާތުގެ ބައެއް ޤައުމުތަކުން އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ޙުއްަދަ ނުދިނުމުން، ވިލާތުގައި ޤާއިމްވެ ތިބި އެމެރިކާގެ ސިފައިން ބާލާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެެއްވާފައިވެއެވެ.