ރޭ ހުރާގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭން ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 01:18 ހާއިރެވެ. މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށު "ނޫފަރު" ގޭގައެވެ.
ފުލުހުން ވިދާޅުވީ ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާކަމަށެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ހާދިސާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ކ. ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.
އެންޑީއެމްއޭއިން ވިދާޅުވީ އަލިފާނުގެ ޙާދިސާގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފަވާކަމަށެވެ. މި ޙާދިސާގެ ސަބަބުން އެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދީފަވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މި ޙާދިސާއާ ގުޅިގެން 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާއިރު، އެ ގޭގައި ދިރިއުޅުނު ބައެއް މީހުން އެމީހުންގެ އާއިލާތަކުގެ އެހެން ގޭގެއަށް ގޮސްފައިވާކަމަށް ކައުންސިލުން ވަނީ މަޢުލޫމާތުދެއްވާފައެވެ.
ޙާދިސާ ހިނގި ގޭގައި ދިރިއުޅުނު 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ކައުންސިލް މެދުވެރިކޮށް، އެ މީހުން ވަނީ ރަށުގެ 2 ގެސްޓްހައުސްއަކަށް ބަދަލުކޮށް، ވަގުތީ ބޯހިޔާވަހިކަން ދީފައެވެ. އަދި ކެއިންބުއިމުގެ ކަންކަންވެސް ވަނީ ހަމަޖައްސާފައެވެ.
ކ.ހުރާގައި މީހުން ދިރިއުޅެމުންދާ ގެއެއްގައި ، ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެގޭ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފައި. މި ހާދިސާގެ ސަބަބުންއެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއްވާ.… pic.twitter.com/yIkyOOg5Sq
— NDMA Maldives (@NDMAmv) April 13, 2026
ހުރާ ކައުންސިލުން މައުލޫމާތުދިން ގޮތުގައި، އަލިފާން ރޯވެފައިވަނީ އެ ގޭގެ 1 ކޮޓަރީގައެވެ. އެ ކޮޓަރި ހަދާފައި ހުންނަނީ، ކޮޓަރީގައި "ކިޑްސް ރޫމް"އެއް ހިމެނޭގޮތަށެވެ. ކައުންސިލުން ވިދާޅުވީ، ޙާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ނުވަތަ ފޯނު ހޫނުވެ ރޯވެގެންކަމަށް ބެލެވޭކަމަށެވެ. ނަމަވެސް އޭގެ ސީދާ ސަބަބު ނޭންގޭކަމަށެވެ. އެ ގެއަކީ އިތުރު އާއިލާތައްވެސް ދިރިއުޅެމުންދިޔަ ގެއެވެ.
މި ޙާދިސާގައި އެ ގޭގެ އިމާރާތަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީގުކުރަމުންނެވެ.