ޗާގޯސް މޮރިޝަސްއަށް ދިނުން މި ވަގުތަށް މަޑުޖައްސާލާފައިވާކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ބިލެއް އެޤައުމުގެ ސަރުކާރުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ފޮނުވާފައެވެ. އެ ބިލުގެ ބަހުސް ފަށަން ތައްޔާރުވެފައިވަނިކޮށް މިހާރު ވަނީ އެ ބަހުސްތައް މަޑުޖައްސާލަން ނިންމީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ފާޅުގައި ދެކޮޅު ހައްދަވައި، ފާޑުވިދާޅުވުމާ ގުޅިގެންނެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެން އަންނަ ދައުރަށް ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި ޗާގޯސް މޮރިޝަސްއަށް ދިނުމާ ގުޅޭ ބިލު ހިމަނާފައެއް ނުވެއެވެ.
މި ބިލަކީ ޑިއޭގޯ ގަރސިއާ އަހަރަކު 101 މިލިޔަން ޕައުންޑުގެ ކުއްޔަކަށް 99 އަހަރަށް އެ ޤައުމަށް ދޭގޮތަށް ޗާގޯސްގެ އެހެން ރަށްތައް މޮރިޝަސްއަށް ދޭން ބުނާ ބިލެކެވެ.
މި ބިލާ ދެކޮޅު ހަދާ ފަރާތްތަކުން ބުނާ ގޮތުގައި ބިލު ފާސްވެއްޖެނަމަ 1966 ވަނަ އަހަރު އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެ، ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފުވެގެންދާނެ ކަމަށެވެ. އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ރަށެއް ކަމުގައިވާ ޑިއޭގޯ ގަރސިއާގައި އެ ދެ ޤައުމުގެ މިލިޓަރީ ބޭސްއެއް ވަނީ ގާއިމުކޮށްފައެވެ.
އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެމެރިކާގެ ޙުއްދަ ވެސް ބޭނުންވާއިރު، އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސި ސަރުކާރުން ވަނީ ބުނެފައެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ، ޗާގޯސް މޮރިޝަސްއަށް ދިނުމަކީ އިނގިރޭސިވިލާތުން ހަދާ ބޮޑު "ގޯހެއް"ކަމަށް ވިދާޅުވެފައެވެ.
ޗާގޯސް މައްސަލައިގައި ރާއްޖޭންވެސް މޮރިޝަސްއަށް އެތަން ދިނުމަށް ދެކޮޅެވެ. އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރިނަމަވެސް އެތަން ލިބުން އެންމެ ޙައްގު ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.