މިއަހަރުގެ ރަމަޟާންމަހު ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އެއްވަނަ ގދ.ފިޔޯރީ ސައިރެސް، ޔޫސުފް އާކިން އަޙުމަދު ޝަރީފް ހޯދައިފިއެވެ.
ގުރުއާން މުބާރާތުގެ ނަތީޖާ އިއުލާންކުރުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގެވުމާ ހަވާލުވެހުންނެވި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާންއެވެ.
1088 ކުދިން ބައިވެރިވި މިއަހަރުގެ ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތް 14447 ކުރިއަށްގެންގޮސްފައިވަނީ 3 ޢުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ، ތިންވަނަ އަދި މުޅި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނައަށް ހޮވުނު ކުދިންނަށް ހަނދާނީ ލިއުމާއި ޓްރޮފީ ވަނީ ހަވާލުކޮށްފައެވެ.
މިއަހަރުގެ މި މުބާރާތުން، މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ގދ.ފިޔޯރީ ސައިރެސް، ޔޫސުފް އާކިން އަޙުމަދު ސަޢީދުއެވެ. އާކިން ވަނީ، 10 އަހަރާއި 12 އަހަރާއި ދެމެދުގެ ޢުމުރުފުރާއިން އެއްވަނަ ވެސް ހާސިލްކޮށްފައެވެ.
" ވަރަށް އުފާވެއްޖެ މުޅި މުބާރާތުންއެއްވަނަ ލިބުނީމަ. އަޅުގަނޑުގެ މައިންބަފައިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ. އަޅުގަނޑު އެހެން ކުދިންނަށް ބުނެލަން އޮތީ ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަންޔާ އެކަމެއް ކުރަން މަސައްކަތް ކުރާށޭ. އޭރުން އެކަމެއް ވާނެޔޭ". އާކިން ބުންޏެވެ.
މުޅި މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ، 5 އަހަރާއި 7 އަހަރާއި ދެމެދުގެ ޢުމުރުފުރާއިން 1 ވަނަ ހޯދި ގދ. ފިޔޯރީ، ސައިރެންސް، އައިޝާ އައިލިޝް އަހުމަދު ސަޢީދެވެ. އޭނާޔަށް ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 10،000ރ ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ، 7 އަހަރާއި 10އަހަރާ ދެމެދުގެ ޢުމުރުފުރާއިން 1ވަނަ ހާސިލްކުރި ޢުމަރު މުޙައްމަދު އިޘާމްއެވެ. އޭނާއަށް ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 7،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބްވަނީ، ކީރިތި ޤުރުއާނަށް ތުއްތު ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
"ކީރިތި ޤުރުއާނަކީ ތުއްތު ކުދިންގެ ހިތްތަކުގަ ތުއްތު އިރުއްސުރެ ފެށިގެން ޚާއްސަ ޤަދަރެއްދެވޭ އެއްޗަކަށް ހެއްދެވުމަށް މަސައްކަތްކޮށްދެއްވުމުގެ އެންމެ ބޮޑު ޒިންމާ އޮތީ ބެލެނެވެރީންގެ އަތްޕުޅުގަ. ކުދިންގެ އެންމެ ފުރަތަމަ މަދަރުސާއަކީ މައިމީހާގެ އުނގު، މުބާރާތުގަ ބައިވެރިވާން 1088 ކުދިން ނަންނޯޓުކުރިޔަސް، މުބާރާތުގަ ކިޔަވާފަނަވަނީ 758 ކުދިން. އޭގެތެރެއިން 40 މާކްސްއަށްވުރެ މަތިން މާކްސް ހޯދައިގެން 690 ކުދިންގެ ކިޔެވުން ޓީވީން ދެއްްކިން.". ޝަކީބް ވިދާޅުވިއެވެ.
ޕީއެސްއެމްއިން ބާއްވާ ކުޑަކުދިންގެ ގުރުއާން މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތަކެވެ.