ޚަބަރު

ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާބެހޭ ސަރވޭއެއް މާދަމާ!


  • ސަރވޭ ކުރިއަށްގެންދާނީ ގްރޭޓާ މާލެ ސަރަހައްދުގައި

  • މި ސަރވޭގައި ޒާތީ މައުލޫމާތެއް ނުހޯދާނެ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސާވޭއެއް މާދަމާ މާލެ ސަރަހައްދުގައި ކުރިއަށް ގެންދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެންނެވެ. މިއީ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް ކުރިއަށްގެންދާ ސަރވޭއެއްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މި ސަރވޭއިން ބިދޭސީ މަސައްކަތްތެރިން ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ފައިސާ ފޮނުވާ ފްރިކުއެންސީ، އަދި ފޮނުވާ ފައިސާގެ އަދަދުތަކާ ގުޅޭ މައުލޫމާތު އެއްކުރެވޭނެކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ. ބިދޭސީ މަސައްކަތްތެރިން މި ސާވޭގައި ބައިވެރިވުމަށް އެމްއެމްއޭ އިން ވަނީ ބާރުއަޅާފައެވެ.

މި ސަރވޭގައި މަސައްކަތްތެރީންގެ ނަން، ޕާސްޕޯޓް ނަންބަރު، ނުވަތަ ވޯކް ޕާމިޓް ތަފްޞީލު ފަދަ ޒާތީ މައުލޫމާތެއް ނުހޯދާނެއެވެ. އަދި ސަރވޭގައި އެއްކުރެވޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ.