ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިކަމަށްޓަކައި މިއަދު ދަރަވަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ސިރުހާންއާއި، އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއާއި، ޑީއެމްޑީ ޢަލީ ސަލީމުގެ އިތުރުން އެކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ދަރަވަންދޫ އެއާޕޯޓު ރަސްމީކޮށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ވަނީ ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ.
މި މަޝްރޫޢުގެ ދަށުން އެއާޕޯޓުގެ ޓާމިނަލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އައިލޭންޑް އެވިއޭޝަނުން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން ޖުމްލަ 814 އަކަމީޓަރުގެ ޖާގައެއް އިމާރާތް ކުރާނެއެވެ. މީގެ ތެރޭގައި އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރު ކުރުމުގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭއަކާއި، ޑިޕާޗަރ ގޭޓެއް އިތުރުކުރުން ހިމެނެއެވެ. މި މަސައްކަތުގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް ކޮށްފައިވަނީ، އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސަރވިސް ކިއޮސްކްތަކާއި، ތިން ގޭޓު ހިމެނޭނެއެވެ.
މީގެ އިތުރުން، އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުގައި، 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ކުޑަކުދިން ބެލެހެއްޓުމަށް ޚާއްސަ 'ބޭބީ ކެއަރ' ފެސިލިޓީއެއް ވެސް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ ބ. އަތޮޅާއި ދަރަވަންދޫގެ ތަރައްގީއަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ދަރަވަންދޫ އެއާޕޯޓަކީ، މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓް އޮޕަރޭޓް ކުރާ ބާރު ބޮޑު އެއާޕޯޓެއްކަން ފާހަގަކުރައްވާ އިޔާސް ވިދާޅުވީ، މިހާތަނަށް 42,000 އަށްވުރެ ގިނަ ފްލައިޓް މި އެއާޕޯޓަށް ޖައްސާފައިވާއިރު، 1.8 މިލިއަން ފަސިންޖަރުން މި އެއާޕޯޓުގެ ހިދުމަތް ހޯދާފައިވާ ކަމަށެވެ.
“މިވަގުތު 99 މުވައްޒަފުން މަސައްކަތް ކުރާ މި އެއާޕޯޓުގެ ހިދުމަތްތައް ފުޅާކުރުމަކީ، 10,000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ބ. އަތޮޅަށް ނުހަނު ބޭނުންތެރި ކަމެއް. މީގެ ސަބަބުން މި އަތޮޅުގެ ފަތުރުވެރި ކަމަށް އިތުރު އާރޯކަމެއް ލިބިގެންދާނެ.” ޢިޔާސް ވިދާޅުވިއެވެ.
ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި އެއާޕޯޓު ތަރައްޤީ ކުރުމުގެ ނަތީޖާ މުޅި އަތޮޅަށާއި ދަރަވަންދޫގެ އިތުރުން ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރާނެ ކަމަށެވެ. މި މަސައްކަތް އައިލެންޑް އޭވިއޭޝަނާ ޙަވާލުކުރަން ނިންމާފައިވާކަން އެމަނިކުފާނު އިޢުލާނުކުރެއްވީ، މިދިޔަ އަހަރުގެ އޯގަސްޓް މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
ބ. ދަރަވަންދޫ އެއާޕޯޓަކީ، 2012 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ އެއާޕޯޓެކެވެ. ބ. އަތޮޅަކީ، ގިނަ އަދަދެއްގެ ރިސޯޓުތަކާއި، ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އަދި ފަތުރުވެރިކަމުގެ އެނދު އެންމެ ގިނަ އެއް އަތޮޅަށް ވުމާއެކު، އެއާޕޯޓު ބޭނުން ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މި ތަރައްޤީއަކީ، އެ ސަރަޙައްދުގެ ފަތުރުވެރި ކަމަށް ލިބިގެންދާނެ މުހިއްމު ކުރިއެރުމެއް ކަމަށްވެސް ސަރުކާރުން ދެކެއެވެ.