ވިޔަފާރި

ރީލޯޑާއި ރާސްޓަސްގެ ޚިދުމަތަށް ޖީއެސްޓީ ދައްކަން ދެން ފަސޭހަވާނެ


އަންނަ މަހުން ފެށިގެން ރީލޯޑާއި ރާސްޓަސްގެ ޚިދުމަތް ދޭއިރު ޖީއެސްޓީއަށްވާ ފައިސާ އުނިކޮށްފައި އެފައިސާ ޖަމާކުރާ ގޮތަށް ހަމަޖެއްސެވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ނިންމަވައިފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަންނަ މަހުން ފެށިގެން ގެންނަން ހަމަޖައްސާފައިވާ މި ބަދަލާއެކު ކަސްޓަމަރުން އިތުރަށް ޖީއެސްޓީ ދެއްކުމުގެ ބަދަލުގައި އެކައުންޓަށް ފައިސާ ޖަމާވާނީ ކަސްޓަމަރު ދައްކާ އަދަދުން ޖީއެސްޓީގެ އަދަދު އުނިކޮށްފައިކަމަށެވެ.

މީރާއިން ވިދާޅުވެފައި ވަނީ އެ ބަދަލާ ގުޅިގެން ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ދިމާވާ ވަކިލާރީގެ މައްސަލައަށް ޙައްލެއް ލިބި ޕްރިޕެއިޑް ކަސްޓަމަރުންނަށް ރީޗާޖްކުރުމުގައި ފަސޭހަވެގެން ދާނެކަމަށެވެ.

މުވާޞަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނެގުމުގައި މިފަދަ ބަދަލެއް ގެންނަވާފައިވާއިރު މި ބަދަލާ ގުޅިގެން ޢާންމުންނާއި ވިޔަފާރިކުރާ ފަރާތްތައް ހޭލުންތެރިކުރުމަށް ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދެވުމަށް ރާއްވާފައިވާކަމަށްވެސް މީރާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.