ޚަބަރު

ޞިއްޙީ ސިޔާސަތު ތަންފީޒުކުރަނީ ރައްޔިތުންނަށް ލުއިވާގޮތަށް: ވަޒީރު ނާޡިމް


  • މިހާތަނަށް 10 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ޤާއިމްކޮށްފައިވޭ

  • ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރުގެ ނިއަލަށް ލެބޯޓަރީގެ ޚިދުމަތް ގާއިމްކުރެވޭނެ

  • ލޯކަލް ގަވަނެންސް ހަގީގީ މާނައިގައި ތަންފީޒުކުރާނެ ފަރާތްތަކަށް ތާއީދު ކުރަންޖެހޭ

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ޞިއްޙީ ސިޔާސަތުތައް ތަންފީޒުކުރަނީ ރަށުގެ އާބާދީއަށް ބެލުމެއް ނެތި ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައި ދިނުމަށް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތައް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޢަބްދުﷲ ނާޡިމް ވަނީ ޞިއްޙީ ދާއިރާގެ ކަންކަން ސަރުކާރުން ތަންފީޒުކުރަމުންދާ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ސިޔާސަތު ތަންފީޒު ކުރަމުންދަނީ ލާމަރުކަޒީ އުސޫލުން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، މުޅިން އައު މިސްރާބަކަށް ޞިއްޙީ ދާއިރާގެ ކަންކަން ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެންމެ މުހިންމީ މިފަދަ ސިޔާސަތެއްގައި ދެމިތިބުން ކަމަށް ވަޒީރު ނާޡިމް ވިދާޅުވިއެވެ.

ސަރުކާރުން ޞިއްޙީ ދާއިރާގެ މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތުގެ މިސާލު ދައްކަވަމުން ދެ މަސައްކަތަކަށް ވަޒީރުވަނީ އަލިއަޅުވާލައްވާފައެވެ. އޭގެ އެއް މަސައްކަތަކީ ރަށްރަށުގައި ޑައިލިސިސް ޚިދުމަތް ޤާއިމްކުރުމެވެ. ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވިފަހުން މިހާތަނަށް 10 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ޤާއިމް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށްވެސް އިތުރު ރަށްރަށުގައި މި ޚިދުމަތް ޤާއިމް ކުރެވޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ ކަނޑު ދަތުރުކޮށްފައި ޚިދުމަތް ހޯދަން ދިއުމުގެ ބަދަލުގައި، ރައްޔިތުން ބޭނުންވަނީ ލުއިފަސޭހަކޮށް ޚިދުމަތް ލިބޭނެ ގޮތްވުން ކަމަށެވެ.

"މިހާރު ބޮޑެތި އާބާދީތަކުގައި މި ޚިދުމަތް ލިބެން ހުރުމާއެކު މެދުފަންތީގެ އާބާދީތަކުގައި މި ޚިދުމަތް ފޯރުކޮށްދިނުމާއި، އަދި ޚާއްސަކޮށް މި ޒާތުގެ ބަލިތައް އިތުރުނަމަ މިތަންތަނަށް އިސްކަން ދީގެން މަސައްކަތް ކުރައްވާނީ." ޞިއްޙީ ވަޒީރު ނާޡިމް ވިދާޅުވިއެވެ.

ޑައިލިސިސްގެ ޚިދުމަތުގެ އިތުރުން، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާބާދީއަށް ބެލުމެއް ނެތި ލެބޯޓަރީ ޚިދުމަތް ޤާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމުގެ ދަށުން 16 ރަށެއްގައި މި ޚިދުމަތް ފެށިފައިވާކަމަށް ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

" ކުދި އާބާދީތަކުގެ މީހުން މިއޮތްހާ ދުވަހު ބޮޑެތި ރަށްރަށަށް ދަތުރުކުރަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް. ރައީސް ރަށްރަށަށް ދަތުރުކުރެއްވީމަ ވިދާޅުވަނީ ބޮޑު ބްރިޖްތަކާއި މާސިންގާ މަޝްރޫޢުތަކުގެ ވާހަކައެއް ނޫން. ދަތިވެފައި ހުރި ކަންކަމުގެ ވާހަކަ ވިދާޅުވަނީ. ރައީސް ވިދާޅުވީ 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީ ޤާއިމްކޮށްދެއްވާނަމޭ. " ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބުކަން ފާހަގަކުރައްވާ ޞިއްޙި ވަޒީރު ވަނީ މި ކައުންސިލްތަކަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، ޚިދުމަތް ދިނުމުގެ ފުރަތަމަ ފިޔަވަޅުކަން ފާހަގަކުރައްވާފައެވެ. މީގެ ކުރިންވެސް ލެބޯޓަރީ އަދި ޑައިލިސިސް ޚިދުމަތް ރައްޔިތުންނަށް ބޭނުންވި ނަމަވެސް އެކަން ނުކުރެވި އޮތީ އެފަދަ ސިޔާސަތެއްގެ ތެރެއިން މަސައްކަތް ނުކުރެވޭތީ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން މި އިންތިޚާބުގައި ލޯކަލް ގަވަނެންސް އޭގެ އަސްލު ގޮތުގައި ތަންފީޒު ކުރާނެ ސިޔާސަތަކަށް ތާއީދު ކުރަން ޖެހޭނެ ކަމަށް ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ސިޞިނުލެވޭނެ ކަމަށާއި، ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމަށް މުސްތަޤުބަލަށް ހުރަސް އެޅޭގޮތަށް ކުރާ ކަންތަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި ސިޔާސީ މަސައްކަތް ކުރަންވާނީ ޤައުމީ ވިސްނުމެއްގައި ކަމަށް ވިދާޅުވެފައެވެ.