އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން މުޅި ދުނިޔެއަށް ތެލާއި ގޭސް ލިބުން ދަތިވެ، ބޮޑު ކާރިސާއެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި، ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް މުދާ އުފުލުމުގެ ހުއްދަ އީރާނުން ޕާކިސްތާންގެ 20 އުޅަނދަކަށް ދީފިއެވެ. ހުޅަނގު އޭޝިޔާ ސަރަޙައްދު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓައިލާފައި ވަނީ ޔަހޫދީންނާ ގުޅިގެން ޓްރަމްޕް އިސްވެ، ފެބުރުވަރީ 28ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެންނެވެ.
ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުޞަތު އެމެރިކާއާއި ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށް ބަންދުކޮށްފައެވެ. މިއާއެކު، ދުނިޔޭގެ އިޤުތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމާއެކު، މުދާ އުފުލުމަށް އޮތް ހުރަސްތައް ނައްތައިލުމަށް އެކި ޤައުމުތަކުން ދަނީ އީރާނާއެކު މަޝްވަރާ ކުރަމުންނެވެ.
މި ފަދަ މަޝްވަރާތަކުގެ ތެރެއިން، ޕާކިސްތާންގެ 20 އުޅަނދު ހުރަސްކުރުމުގެ ފުރުޞަތު އީރާނުން ދީފައިވާކަން އިޢުލާނު ކުރައްވާފައި ވަނީ ޕާކިސްތާންގެ ޚާރިޖީ ވަޒީރު އިސްޙާޤް ދާރްއެވެ. އޭނާ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން، ދުވާލަކު ދެ އުޅަނދު ހުރްމުޒް ހުރަސްކުރުމުގެ ފުރުޞަތު އީރާނުން ފަހިކޮށްދީފައިވާ ކަމުގައެވެ.
ޔަހޫދީންނާއި ޓްރަމްޕް އިސްވެ ފެށި ހަނގުރާމައިގައި އީރާނުން ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 1,900 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުން ވެސް ވަނީ 1,100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
މި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ވަނީ %40 އުފުލި، ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށްވުރެ ބޮޑުވެފައެވެ. އަދި، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ %90 ހުއްޓިފައިވާއިރު، އެ ސަރަޙައްދުގައި 2,000 އަށްވުރެ ގިނަ އުޅަނދު އޮތީ ތާށިވެފައެވެ. ހަނގުރާމަ ފެށި ފަހުން އެ ކަނޑުއޮޅިން ދަތުރުކޮށްފައި ވަނީ އެންމެ 150 އުޅަނދެވެ. އީރާނުން ދާދިފަހުން ވަނީ މެލޭޝިޔާގެ އުޅަނދުފަހަރަށް ވެސް ހުރްމުޒް ހުރަސްކުރުމުގެ ފުރުޞަތު ދީފައެވެ.