ޚަބަރު

ބަންގްލަދޭޝް، އިންޑިއާ މެޗުގެ ޓިކެޓަށް ދިގު ކިއުއެއް


  • މާދަމާ ބަންގްލަދޭޝް ނިކުންނާނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި

  • ބަންގްލަދޭޝްއަށް ހާއްސަކޮށް ވިއްކަނީ 2550 ޓިކެޓް

މާލޭގައި ކުރިޔަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖުގައި ބަންގްލަދޭޝް ކުޅޭ ފަހު މެޗަށް ޓިކެޓް ނެގުމަށް ގަލޮޅު ސަހަރާ ފަޅީ ޓިކެޓް ކައުންޓަރުގައި ބޮޑު ކިއުއެއް ހަދައިފިއެވެ.

ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ޓިކެޓް ގަތުމަށް ކިއު ހަދާފައިވާއިރު މާދަމާ ބަންގްލަދޭޝް ނިކުންނާނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާއާއި ދެކޮޅަށެވެ. މި ދެޓީމަކީވެސް ވަރަށް ވަރުގަދަ ދެޓީމެވެ. ބަންގްލަދޭޝް އާއި އިންޑިއާ ބައްދަލުކުރާ މެޗަށް ބަންގްލަދޭޝްއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ޖުމްލަ 2550 ޓިކެޓެވެ.

ބަންގަލަދޭޝްއަކީ އެންމެ ފަހުން ބޭއްވި މި އުމުފުރާގެ ސާފް މުބާރާތުގެ ޗެމްޕިއަން ޓީމެވެ. 2024 ވަނަ އަހަރު ނޭޕާލްގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝްއިން ހޯދީ ނޭޕާލް ބަލިކޮށްގެންނެވެ.

މިއަހަރު ބަންގްލަދޭޝްއިން މި މުބާރާތަށް އައީ އެންމެ 15 ދުވަހުގެ ޓްރޭނިން ކޭމްޕަކަށްފަހުއެވެ. އިނގިރޭސި ކޯޗު ކޮޒް އާއިއެކު ނިކުމެ ސާފް ޗެމްޕިއަންޝިޕްގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ބަންގްލަދޭޝް އޮތީ 3 ޕޮއިންޓާއެކުގައެވެ. އެހެންނަމަވެސް ޖެހި ގޯލުގެ އަދަދު އިތުރުވުމުން އިންޑިއާ އޮތީ މި ގުރޫޕުގެ އެއްވަނައިގައެވެ.

މިހާރުވެސް ސެމީފައިނަލްގެ ޖާގަ ކަށާވަރުވެފައިވާ މި ދެޓީމު މާދަމާ ކުޅޭ މެޗަށްފަހު ގުރޫޕުގެ އެއްވަނައަށްދާ ޓީމެއް ކަށަވަރުވާނެއެވެ. ބަންގްލަދޭޝް އާއި އިންޑިއާއާއި އެކު ގުރޫޕް ބީގައި ދެން އޮތީ ޕާކިސްތާނުއެވެ. އިންޑިއާ އަތުން 3-0 ން ބަލިވުމުން ޕާކިސްތާނު ވަނީ މުބާރާތުން ކަޓާފައެވެ.

މިބާރާތުގެ ސެމީފައިނަލްގެ މެޗުތައް އޮންނާނީ 01 އޭޕްރީލުގައެވެ. ފައިނަލް މެޗު އޮންނާނީ 03 އޭޕްރީލުގައެވެ.