ލަޔޮނަލް މެސީ އަކީ ބާސެލޯނާގެ މާޒީ ކަމަށާއި އެ ކުލަބު މިހާރު ކުރިއަށްދާންވީ ޒުވާން ފޯވަޑް ލަޔޮނަލް މެސީއާއެކު ކަމަށް ރައީސްކަން ދިފާއު ކުރައްވަން މަސައްކަތް ކުރައްވާ ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ބާސެލޯނާގެ އިންތިހާބު އޮންނާނީ މިއަދު އެވެ. މި އިންތިހާބުގައި ވާދަ ކުރައްވަނީ ލަޕޯޓާ އާއި ވިޔަފާރިވެރިޔާ ވިކްޓަރ ފޮންޓެވެ.
އިންތިހާބުގެ ކެމްޕޭން ނިންމަން ދެ ކެނޑިޑޭޓުން ވަނީ ފޯރިގަދަ އިވެންޓްތަކެއް ބާއްވައިފަ އެވެ. އެންމެ ފަހުގެ ބަހުސްގައި ލަޕޯޓާ ކުރެން ނޫސްވެރިން އެހީ ބާސެލޯނާ އާއި ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ މެސީ އާއި މިހާރުގެ ޒުވާން ފޯވަޑް ޔަމާލް ކުރެ އިހްތިޔާރު ކުރާނ ކާކުތޯ އެވެ؟
"މެސީ އަށް ފުރިހަމަ އަށް އިހްތިރާމް ކުރަން. އޭނާ އަށް ހައްގު ކުލަބުގެ ސްޓޭޑިއަމް ނިމުމުން އޭނާގެ ރަމްޒީ ބުދަކާއި ކުލަބުގެ ހާއްސަ މަގާމެއް. އޭނާ އަކީ ކުލަބު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެކަމަކު އޭނާ އަކީ މިހާރު މާޒީ. ބާސެލޯނާ މިހާރު ޖެހޭނީ ކުރިއަށް ދާން ލަމީން ޔަމާލާއެކު،" ލަޕޯޓާ ވިދާޅުވި އެވެ.
މި އިންތިހާބުގައި ބާސެލޯނާގެ ކުޅުންތެރިންގެ ތެރެއިން ޔަމާލް ވަނީ އޭނާ އިންތިހާބުގައި ވޯޓު ލާނީ ލަޕޯޓާ އަށް ކަމަށް ސާފުކޮށް ބުނެފަ އެވެ. މިއާއެކު ކުލަބުގެ ގިނަ ކުޅުންތެރިން ތިބީ ލަޕޯޓާ އަށް ތާއީދު ކޮށްގެން ކަމަށް ވަނީ ބެލެވިފަ އެވެ. ސަބަބަކީ ލަޕޯޓާ ހޮވިއްޖެނަމަ ކޯޗުކަމުގައި ހަންސީ ފްލިކް ހުންނާނެކަން ޔަގީންވާތީ އެވެ. ނޫނީ އޭނާ މި ސީޒަނަށް ފަހު މަގާމު ދޫކޮށްލުން ގާތެވެ.
ކޮންމެ ފަސް އަހަރަކުން ބާއްވާ ބާސެލޯނާގެ އިންތިހާބުގެ ނަތީޖާ މިރޭ ދަންވަރު ލިބިގެންދާނެ އެވެ. ކުރީ ފަހަރެކޭ ވެސް އެއްފަދައިން މި ފަހަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރުން ގާތް ކަމަށް ގިނަ ބަޔަކު ލަފާ ކުރަނީ ލަޕޯޓާ އެވެ. ނަމަވެސް މި އިންތިހާބު ކުރީ ފަހަރަށްވުރެ ވާދެވެރިވާނެ ކަމަށް އެންމެން ވެސް ޔަގީން ކުރެ އެވެ.