ޚަބަރު

ހުރްމުޒްގެ ބާރު ހޯދަން އެމެރިކާއިން އެދުމުން އިޖާބައެއް ނުދިން


ޔަހޫދީންނާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނާ ގުޅިގެން، މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ތެރެއިން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅީގެ ބާރު ހޯދަން އަސްކަރީ މަނަވަރުތައް ފޮނުވުމަށް އެމެރިކާއާ ގާތްގުޅުން އޮންނަ ޤައުމުތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް އެ ޤައުމުތަކުން އިޖާބަދޭން ފަސްޖެހިއްޖެއެވެ.

ޔަހޫދީންނާއި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް ބޮން އެޅުމުގެ ވަރުގަދަ ކެމްޕޭނެއް ފެށުމުން، އީރާނުން ވަނީ ރައްދުގައި އެ ޤައުމުގެ އައްސޭރިފަށުގައި އޮތް މި މުހިންމު ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ މި މަގު ބަންދުކުރުމަށްފަހު އީރާނުން ދަނީ، އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ އެއްވެސް މުދަލެއް އެ ކަނޑުއޮޅިން ހުރަސް ކުރުމުގެ ފުރުޞަތު ދިނުމަށް އިންކާރު ކުރަމުންނެވެ.

އެއާއެކު ތެލާއި ގޭހުގެ ސަޕްލައި އިންތިހާއަށް ތާށިވެ، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.

ހުރްމުޒް ކަނޑުއޮޅިން ތެލާއި ގޭހުގެ ސަޕްލައި އަލުން ފެށުމަށްޓަކައި، އެ ކަނޑުއޮޅުން ދަތުރުކުރާ އުޅަނދުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަސްކަރީ މަނަވަރުތައް ފޮނުވައިދިނުމަށް ޓްރަމްޕް ވަނީ ދެކުނު ކޮރެޔާ، ޗައިނާ، ޖަޕާނު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގައި އެދިވަޑައިގެންފައެވެ.

ނަމަވެސް، އޭގެތެރެއިން އެއްވެސް ޤައުމަކުން އަދި މިހާތަނަށް އެކަމަށް އިޖާބަދީފައެއް ނުވެއެވެ.

ޖަޕާނުގެ ވެރިކަންކުރާ ޕާޓީގެ ސިޔާސަތާބެހޭ އިސް މުޝީރު ތަކަޔޫކީ ކޮބަޔާޝީ ވިދާޅުވީ، ހުރްމުޒްއަށް އަސްކަރީ މަނަވަރުތައް ފޮނުވުމަށް ޤާނޫނީ ހުރަސްތައް ގިނަ ކަމަށެވެ. މިގޮތުން، އެކަން ކުރުމަށްޓަކައި 2015ވަނަ އަހަރު އެކުލަވާލާފައިވާ ޤައުމީ ސަލާމަތާބެހޭ ޚާއްޞަ ޤާނޫނަކަށް ވަގުތީ ގޮތުން ޢަމަލުކުރަން ފައްޓަންޖެހެއެވެ.

ދެކުނު ކޮރެޔާގެ ރައީސް އޮފީހުން ބުނީ، އެމެރިކާގެ އެދުނު އެދުން ވަރަށް ތަފްޞީލީ ގޮތެއްގައި ދިރާސާކުރަމުންދާ ކަމަށެވެ.

ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވެސް ވަނީ ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން، އިއްތިޙާދެއްގެ ތެރެއިން ބެލެހެއްޓުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ބުނެފައެވެ.

ހުރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް ހިމާޔަތްދޭނެކަމަށް ޓްރަމްޕް މީގެކުރިން ވިދާޅުވިނަމަވެސް، އެ ރައްކާތެރިކަން ދެވެން ނެތް ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ.

ހުރުމުޒް ކަނޑުއޮޅި ހުރަސްނުކުރެވި، އެތައް ސަތޭކަ ތެޔޮ ޓޭންކަރު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ އުފެއްދުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުމަށް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ.

އެމެރިކާ އާއި ޔަހޫދީންގެ ޙަމަލާތަކުގައި އޭރު އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި ހުންނެވި އާޔަތުالله ޢަލީ ޚަމަނާއީ ޝަހީދުވުމާއެކު، އައު ރޫޙީ ވެރިޔާގެ މަޤާމަށް އީރާނުން މިހާރު ވަނީ އޭނާގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ޢައްޔަނުކޮށްފައެވެ.

މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާތަބު ކުރައްވައި ނެރުއްވި ބަޔާނުގައި މުޖުތަބާ ވިދާޅުވީ ކާމިޔާބުކަމާއެކު އީރާނުން މިހާރު ވެސް ބޭނުން ކުރަމުންދާ ދިފާޢީ އުކުޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޭނުންކުރަމުން ދިޔުމަށް ގިނަ ރައްޔިތުން އެދޭ ކަމަށެވެ.

މިގޮތުން، ހުރްމުޒް ކަނޑުއޮޅި ހަތިޔާރަކަށް ހަދައި، އެ މަގު ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.