ޚަބަރު

ބާޒާރުމަތީގައި މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ޙަވާލުކޮށްފި


  • ހުރިހާ މާރުކޭޓުތައް މި އިމާރާތައް ބަދަލުކުރާނެ

  • 1 އަހަރާ 8 މަސް ތެރޭގައި މަސައްކަތް ނިންމާނެ

ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ކޮންޓްރެކްޓަރާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ޙަވާލުކޮށްފަވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ. މި މާރުކޭޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީއެވެ. މި މާރުކޭޓު ތަރައްޤީ ކުރަނީ، މާލެ މަސްމާރުކޭޓު ކުރިމަތިން މިހާރު ހިންގަމުން އަންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ. މާރުކޭޓު ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށެވެ.

މާރުކޭޓު ކޮމްޕްލެކްސް:

  • މަޝްރޫޢުގެ ޖުމްލަ ޚަރަދު: 126,359,594.99 ރުފިޔާ
  • ޢިމާރާތުގެ ބޮޑުމިން: 15,525 އަކަފޫޓު
  • ބޭސްމަންޓް: 400 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ
  • ގްރައުންޑް ފްލޯރ: މަސް ވިއްކުމަށް ޚާއްޞަ ސްޓެއިންލެސް ސްޓީލްގެ 110 ގޮޅި އާއި މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށްޓަކައި 5 ޓަނުގެ އައިސް ޕްލާންޓެއް މި ފަންގިފިލާގައި ހިމެނެއެވެ.
  • 1 ވަނަ ފަންގިފިލާ: މޭވާއާއި ތަރުކާރީ ވިއްކުމަށް ޚާއްޞަ 115 ގޮޅި.
  • 2 ވަނަ ފަންގިފިލާ: މޭވާއާއި ތަރުކާރީ ވިއްކުމަށް ޚާއްޞަ 115 ގޮޅި.
  • 3 ވަނަ ފަންގިފިލާ: މޭވާއާއި ތަރުކާރީ ވިއްކުމަށް ޚާއްޞަ 115 ގޮޅި
  • ޓެރަސް: ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް ޚާއްޞަ ފުޑް ކޯޓެއް.
  • ޢިމާރާތުގެ ޖުމްލަ ފްލޯ އޭރިއާ: ގާތްގަނޑަކަށް 95,032.32 އަކަފޫޓު.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފަވަނީ 1 އަހަރާ 8 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށް، 126,359,594.94 ( ސަތޭކަ ސައްބީސް މިލިއަން، ތިން ލައްކަ ފަންސާސް ނުވަ ހާސް، ފައްސަތޭކަ ނުވަދިހަ ހަތަރު ތުފިޔާ، ނުވަދިހަ ހަތަރު ލާރި) އަށެވެ.

މި ޕްރޮޖެކްޓާއެކު، މާލެ ބާޒާރުމަތީ ސަރަޙައްދުގައި ހިންގަމުންދާ ހުރިހާ މާރުކޭޓުތަކެއް މި އިމާރާތައް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިހާރު ބާޒާރުމަތީގައި މި ޚިދުމަތްތައް ދެނީ، ވަކި ބިންތަކުގައި ވަކިން ހިންގާ މާރުކޭޓުތަކެއްގެ ގޮތުގައެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓު، މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓާއި، މަސް މާރުކޭޓުވެސް ހިންގަމުން ދަނީ ވަކިންނެވެ.

މާލޭގެ ބާޒާރުމަތީ ސަރަޙައްދު ތަރުތީބުކޮށް، އެތަނަކީ ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކަށް ލުއިފަސޭހަ ސަރަޙައްދަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އެ ސަރަޙައްދުގެ މަގު ފުޅާކޮށް، ތާރު އަޅުމަށްފަހު އެ ސަރަހައްދު ވަނީ ތަރައްޤީކޮށްފައެވެ. އަދި ބޯޓުތަކާއި، މަސް ދޯނިތައް ކައިރި ކުރާ ބަނދަރު ސަރަޙައްދަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިމިގެންދާއިރު، އެ ސަރަޙައްދުގެ މަލަމަތި ބަދަލުވެ، މުޅި އެ ސަރަޙައްދަށް ބޮޑު ލުޔެއް އަންނާނެއެވެ.