ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްދިޔަ ރަމަޟާން ކުރިކެޓު ކާނިވަލުގެ ފައިނަލު މެޗުގައި ޓީމް ވިޔަޒޯރާއި ވާދަކޮށް 48 ގެ ފަރަގަކުން މެޗު ކާމިޔާބުކޮށް ކުނަހަންދޫ ބޯއިޒް ޓީމުން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ކުނަހަންދޫ ކުރިކެޓު ދަނޑުގައި އިއްޔެ ކުރިއަށް ދިޔަ ފޯރިގަދަ ފައިނަލު މެޗުގައި ޓޮސް ދިމާވެގެން ކުނަހަންދޫ ބޯއިޒް ޓީމުން ކުޅެން އަރާ 8 އޯވަރު ތެރޭގައި 2 ވިކެޓަށް 137 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ މި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކަމުން ދިޔަ ލޫޠު އަބޫބަކުރުއެވެ. އޭނާވަނީ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައެވެ.
ވިޔަޒޯރު ޓީމުން އެންމެ ރަނގަޅަށް އުކީ، 47 ލަނޑަށް 1 ވިކެޓް ނެގި، މުހައްމަދު ހަނީފެވެ.
ޖަވާބުގައި ވިޔަޒޯރު ޓީމުން ކުޅެން އަރާ، 8 އޯވަރު ތެރޭ 6 ވިކެޓަށް ހަދާފައިވަނީ 89 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑު ހެދި، މުހައްމަދު ހަނީފެވެ. ކުނަހަންދޫ ބޯއިޒް ޓީމުން އެންމެ ރަނގަޅަށް އުކީ 31 ލަނޑަށް 3 ވިކެޓް ނެގި ލޫޠު އަބޫބަކުރެވެ.
ޖުމްލަ 7 ޓީމުން ވާދަކުރި މިމުބާރާތުގެ ޗެންޕިއަންކަން ކުނަހަންދޫ ބޯއިޒްއިން ހޯދާފައިވާއިރު، ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ބޯލަރުގެ މަގާމު ހޯދީ އެޓީމުގެ ލޫޠު އަބޫބަކުރެވެ.
ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ އެންމެ މޮޅު ބެޓްސްމަނަކަށް ވިޔަޒޯރުގެ ފުވާދު ނަފީސް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ހިފުންތެރިޔަކަށް ހޮވިފައިވަނީ މުބާރާތުގައި ވާދަކުރި ހަމަ އެކަނި އަންހެންޓީމުކަމަށްވާ ކުނަހަންދޫ ގާލްސްއަށް މޮޅު ކުޅުމެއް ކުޅެދިން އެޓީމުގެ ކެޕްޓަން ހަފްސާ ޢަބްދުﷲއެވެ.
ފައިނަލު މެޗަށްފަހު ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި ޓްރޮފީ ވަނީ ދީފައެވެ. ފައިނަލު މެޗު ޝަރަފުވެރިކޮށްދެއްވައި ވަނަތަކަށް ހޮވުނު ޓީމުތަކަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ލ. މާވަށު ކައުންސިލުގެ ކުރީގެ ރައީސް މޫސާ ފައިސަލެވެ.
ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ ކުޅުން ފަށައިފައިވަނީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ. މުބާރާތުގައި ވާދަކުރި ޓީމުތަކަކީ ކުނަހަންދޫ ބޯއިޒް، ކުނަހަންދޫ ގާރލްސް، ކުރުނބާ އެސްސީ، ކަދުރު އެސްސީ، ވިޔަޒޯރު، ޓެން ސްޓާރ އަދި ޓީމް ޑީއެކްސްއެވެ.
ކުރިކެޓުގެ ފޯރި ގަދަ ކުނަހަންދޫއަކީ ވަކި އުމުރެއްނެތި ދެ ޖިންސުން ކުރިކެޓުގައި ހަރަކާތްތެރިވަމުން އަންނަ ރަށެއްކަން ފާހަގަވެއެވެ. އޭގެ އިތުރުން އެރަށަކީ މިވަގުތު އޮތް، ޤައުމީ އަންހެން ކުރިކެޓް ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިންވެސް ނިސްބަތްވާ ރަށެވެ.
ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުރިކެޓް ކާނިވަލަކީ މާލެއާއި، ކުނަހަންދޫގެ އިތުރުން ފުވައްމުލަކުގައިވެސް ކުރިއަށްގެންދާ މުބާރާތެކެވެ. ރަމަޟާންމަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ މި ކާނިވަލުގެ ކުޅުން ފުވައްމުލަކާއި ކުނަހަންދޫގައި ނިންމާލާފައިވާއިރު، މާލޭގައި މިހާރު ކުރިއަށްދަނީ މި ކާނިވަލުގެ ފަހު މުބާރާތްކަމަށްވާ ކޮންޕެނީ މުބާރާތެވެ.