ޚަބަރު

ރަށްރަށުގައި ތަރިކަވެރިން އުފެއްދުމަށް މުހިންމު މަސައްކަތްތަކެއް!


  • ކޮންމެ ރަށަކުން 10 ވަރަކަށް މީހުން ތަމްރީނުކުރާނެ

  • ތަރިކަ ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް

އަތޮޅުތަކުގެ ރަށްރަށުގައި ތަރިކަވެރިން އުފެއްދުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ އެ ވުޒާރާއިން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކަށާއި، ކުރިއަށް ރޭވިފައިހުރި ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން އެންމެ އިސްކަމެއްދީގެން ކުރައްވާ އެއް މަސައްކަތަކީ ރާއްޖޭގެ ތަރިކައިގެ ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްކަމަށެވެ.

ތަރިކައިގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަށް މި ސަރުކާރުން ވަނީ ތިން ސިޔާސަތެއް އެކަށައަޅާފައެވެ. އެއީ، ތަރިކައިން އާމްދަނީ ހޯދުމާއި، ތަރިކައަކީ ދިވެހީންގެ ތަޖުރިބާގެ ބަޔަކަށް ހެދުމަށާއި، ތަރިކަ ޑިޖިޓަލައިޒްކޮށް ޒަމާނަށް އަންނަ ކުރިއެރުމަކަށް ހެދުމެވެ. ދިވެހި ދަޢުލަތުން މި ސިޔާސަތުތައް ހަޤީޤަތަކަށް ހެއްދެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރަށްރަށުގައި ތަރިކަވެރިން އުފެއްދުމަށް އެވުޒާރާއިން މުހިންމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން، ކޮންމެ ރަށަކުން 10ވަރަކަށް މީހުން ތަރިކަވެރިންގެ ގޮތުގައި ތަމްރީނުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، މިފަދަ މަސައްކަތެއް ކުރުމުގެ މައިގަނޑު މަޤްސަދަކީ، އަތޮޅުތަކުގެ ރަށްރަށުގައި ހުރި ތަރިކަ ދިރުވާ އާލާކޮށް، ރަށްރަށުގައި ހުރި ތަރިކަތައް ނެތިދިއުމަށް އޮތް ފުރުޞަތުތައް ހަނިކުރުންކަމަށެވެ.

"ރަށްރަށުގައި ތަރިކަވެރިން އުފެއްދުމަށް އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން. ކޮންމެ ރަށަކުން 10ވަރަކަށް ބޭފުޅުން ތަރިކަވެރިންގެ ގޮތުގައި ތަމްރީނުކުރުމުގެ މަސައްކަތްތަކެއް. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ރަށްރަށުގައި ހުރި ތަރިކަ ދިރުވާ އާލާކުރުން. އަދި ރަށްރަށުގައި ހުރި ތަރިކަތައް ނެތިދިއުމަށް އޮތް ފުރުޞަތުތައް ވީހާވެސް ހަނިކުރެވޭތޯ ބެލުން." ވަޒީރު ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައިވެސް ހުރި ތަރިކަތަކަކީ އެބައެއްގެ އަސްލުތަކާ ގުޅިފައިވާ އެއްޗެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ތަރިކަ ހިމާޔާތްކޮށް ރައްކާތެރިކުރުމަކީ ހަމައެކަނި ސަރުކާރުން ޒިންމާވާންޖެހޭ ކަމަކަށް ހެދުމުގެ ބަދަލުގައި، އެރަށެއްގެ ރައްޔިތުންވެސް ޒިންމާވާންޖެހޭކަމަށެވެ.

"މިސާލަކަށް ރަށްރަށުގައި ހުންނަ ދުވަސްވީ ވަކިކަހަލަ އިމާރާތްތައް. އެކި ކަހަލަ ސަރަހައްދުތައް، އަދި ވަކިކަހަލަ ތަކެތި، އެހެންވީމަ މި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމާއި، އެއިން ދިވެހީންގެ ދެމިތިބުމަށް ކުރާ އަސަރާއި، އެ ދެމެދުގަ އޮތް ގުޅުމާއި މިކަންކަން އެބަ އިނގެންޖެހޭ. އެހެންވެ އެކަމަށްޓަކައި ރަށުފެންވަރުގައި ބަޔަކު މި ތަމްރީނުކުރަނީ." ވަޒީރު ވިދާޅުވިއެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ކޮންމެ ރަށެއްގެ ތާރީޚު އަލުން އިއާދަކުރެވި، އެރަށެއްގެ ތާރީޚު އަލުން ލިޔެވުންފަދަ މުހިންމު މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރެވިގެންދާނެކަމަށެވެ.