މިއަހަރު ތެރޭ 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ، މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، އަތޮޅުތަކުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުދި އާބާދީތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ލެބޯޓަރީގެ ޚިދުމަތް ލިބެންނެތުމުގެ ދަތިކަންކަމަށެވެ. އަދި އެ ޚިދުމަތް ހޯދުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކުން މާލޭއާއި ކައިރި ރަށްރަށަށް ދަތުރުކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެ ދަތިތަކަށް ހައްލު ގެނައުމަށް ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ދޭން ފެށުމަށް ސަރުކާރުން ވަނީ މުހިންމު މަޝްރޫޢެއް ފައްޓަވާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ލެބޯޓަރީގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރެއްވުމަށް ޚާއްސަ ސިޔާސަތެއް ކަނޑައަޅާ އެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރައްވަނީ، މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށްކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި މި ޚިދުމަތް ޤާއިމްކުރެވިފަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ސިޔާސަތެއްގެ ގޮތުން ނިންމެވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ލެބޯޓްރީ ސަރވިސްގެ ޚިދުމަތް ލިބެން ނެތް 76 ރަށުގައި، މިއަހަރު ނިމުމުގެ ކުރިން ލެބޯޓަރީގެ ޚިދުމަތް ޤާއިމްކޮށް ނިންމުން. މިއަދާހަމައަށް އައިއރު އަޅުގަނޑުމެންނަށް މިހާރު މިވީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގަ 11 ރަށެއްގައި ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ. އަދި ވަރަސް ގިނަ ރަށްތައް މިހާރު ފެށުމަށްޓަކައި ތައްޔާރުވަމުން މިދަނީ." ވަޒީރު ވިދާޅުވިއެވެ.
ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.