ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ޒަކާތު ސްކޮލަރޝިޕް މިއަހަރުވެސް ދިނުމަށް ނިންމައިފިއެވެ.
7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް އަލުން ދޭން ފެށީ މިދިޔަ އަހަރުގައެވެ. އެންމެ ފަހުން ޒަކާތު ފަންޑުން ސްކޮލަރޝިޕް ދީފައިވަނީ 2018ވަނަ އަހަރުގައެވެ.
ޒަކާތު ހައުސްގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، މިއަހަރުވެސް ޒަކާތު ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މިފެށޭ މަހުގެ ތެރޭގައި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އިމްތިތާޢު ވިދާޅުވީ ޒަކާތު ޤާނޫނާއެކު ގެންނަން ޖެހޭ ބަދަލުތައް ގެނެސް ސްކޮލަރޝިޕް ފަދަ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުކުރުމަށް ފުރުޞަތު ލިބިގެންދާނެކަމަށެވެ.
ޒަކާތު ފަންޑުން ތަޢުލީމީ ދާއިރާއަށް ޚަރަދުކުރަނީ އިސްލާމީ ޢިލްމު ފުޅާކުރުމަށްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އިސްލާމީ ދާއިރާތަކުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ކިޔެވުމަށް ޚަރަދުކުރާކަމަށެވެ.
"ވަރަށް ބޮޑެތި ޓްރާންސްފޮމޭޝަނަލް ހަރަކާތްތަކެއް މިހާރު މިދަނީ ކުރިއަށް ގެންދަމުން. ޤަވާއިދުތަކާއި އުޞޫލްތައް އެކުލަވާލުމާއި ފަންޑުގެ މުހިއްމު މަސައްކަތްތަކެއް ކުރިއަށްގެންދަމުން. މިކަންކަން ނިމުމާއެކު ދެމެހެއްޓެނިވި ގޮތަކަށް ޒަކާތުގެ ފައިސާ ޚަރަދުކުރެވޭތޯ މަސައްކަތް ކުރާނެ. "
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން މިދިޔަ އަހަރު ހުޅުވާލީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުޞަތު ހުޅުވާލީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ.
އެގޮތުން މެލޭޝިއާއާ ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ހުޅުވާލިއެވެ. މިދިޔަ އަހަރު އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކުރުމަށްދޭ ފުލް ސްކޮލަރޝިޕް ވަނީ 17 ދަރިވަރަކަށް ދީފައެވެ. އަދި ޚާއްސަ ސްކޮލަޝިޕް 7 ދަރިވަރަކަށް ވަނީ ދީފައެވެ.
ޒަކާތު ފަންޑުން ޚަރަދުކުރާ އަނެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ. މިދާއިރާއަށް ކުރާ ޚަރަދުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން އިމްތިތާއު ވިދާޅުވީ މިދިޔަ އަހަރު ބޭސްފަރުވާގެ އެކިކަންކަމަށް 20 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން ބޯންމެރޯ ހެދުމަށް 2.5 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.