ވެސްޓްހަމްއާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުގައި އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް ލައްވައި ނުކުޅުވަން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ގާތްގަނޑަކަށް ނިންމައިފި އެވެ.
އޭނާ މިހެން ބުނީ މިއަދު ބޭއްވި ފްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ.
"ޗެމޕިއަންސް ލީގު މެޗުތައް ވެސް ކުރިއަށް އެބައޮތް. އަހަރެން ބޭނުމެއް ނޫން ރިސްކު ނަގާކަށް. އެހެންވީމާ އޭނާ ލައްވައި މި މެޗުގައި ނުކުޅުވުން އެންމެ ގާތީ. އޭނާ މުޅިން ފިޓެއް ނޫން. އޭނާ ފިޓްކޮށް ގިނަ ދުވަސްތަކެއްގައި ހުރުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެހެންވީމާ ރިސްކެއް ނަގާފައި އޭނާ ލައްވައި ކުޅުވައިގެން ދިގު މުއްދަތަކަށް އޭނާ ނުކުޅެން ހުންނަން ޖެހޭނެ ފަދަ ގޮތެއް ވާކަށް ބޭނުމެއް ނޫން،" ސްލޮޓް ބުންޏެވެ.
ޖަރުމަނުގެ މިޑްފީލްޑަރުގެ އުނަގަނޑަށް ވަނީ ތަދުވެފަ އެވެ. ކޯޗު ބުނީ ކުޅުންތެރިޔާ އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުތަކުގައި ކުޅުނީ ވެސް ތަދުވެފައި ހުރެ ކަމަށެވެ. އަދި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗަށް ވާމްއަޕް ކުރަނިކޮށް އޭނާގެ އުނގަނޑުގެ ތަދު ވަނީ ބޮޑުވެފަ އެވެ.
ވާޓްޒް އަށް މި މެޗުގައި ނުކުޅެވުނު ނަމަވެސް ހާނިއްކައިން ސަލާމަތްވެ ޖެރެމީ ފްރިމްޕޮންގް މިހާރު ހުރީ ފިޓްވެފަ އެވެ.
ލިވަޕޫލް މިވަގުތު އޮތީ 45 ޕޮއިންޓާއެކު ޓޭބަލުގެ ހަ ވަނާގަ އެވެ. ސްލޮޓް ބުނީ ޓޭބަލުގައި ކުރިއަރަށް ލިވަޕޫލަށް ފޯމުގެ މައްސަލަ ދިމާވާކަން ގަބޫލު ކުރާ ކަމަށެވެ.
"ހަމައެކަނި އަހަރުމެނެއް ނޫން ފޯމު ކަޓާފައި ތިބީ. އަދި ފޯމުގެ މައްސަލަ ދިމާވަނީ ވެސް. އެހެން ޓީމުތަކަށް މި މައްސަލަ އެބަދިމާވޭ. އެކަމަކު އަހަރުމެންނަށް އޮތް ހިތްހަމަ ޖެހުމަކީ މި ފަހުން އަހަރުމެން ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅު ވެފައިވުން،" ކޯޗު ބުންޏެވެ.
ލިވަޕޫލަކީ ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. ނަމަވެސް މި ސީޒަނުގައި ތަށި ދިފާއު ނުކުރެވޭނެކަން ކަށަވަރުވެފައިވާއިރު ލިވަޕޫލަކީ ސީޒަނަށް ތައްޔާރު ވުމަށް އެންމެ ބޮޑަށް ހޭދަކުރި ޓީމެވެ. މިހެންވެ ކޯޗަށް ވަނީ ފާޑުކިއުންތައް އިތުރު ވެފަ އެވެ.