ޕާކިސްތާންގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ އަމާޒުތަކަށް ވަރުގަދަ ޙަމަަލާތަކެއް ދީފިއެވެ. ޙަމަލާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާޞިފް ވަނީ، މިއީ "ފާޅުކަން ބޮޑު ހަނގުރާމައެއް"ގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އިތުރުން ކަންދަހާރާއި ބަކްތިޔާގައި ހުރި ޠާލިބާނުންގެ އަސްކަރީ އޮފީސްތަކާއި ޕޯސްޓުތަކަށެވެ. އެ ސަރަޙައްދުތަކަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަރުގަދަ ޙަަމަލާތަކެއް ދީފައިވާ ކަން ޠާލިބާނުންގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވަނީ ކަށަވަރު ކޮށްދީފައެވެ.މީގެ އިތުރުން، ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި، އެއްގަމު ފައުޖުތަކުން ވެސް ދަނީ ޙަމަލާ ބަދަލު ކުރަމުންނެވެ.
ޕާކިސްތާންގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އަފްޣާނިސްތާނުން ވެސް ވަނީ ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޕާކިސްތާންގެ އަސްކަރީ މަރުކަޒުތަކަށެވެ. މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕާކިސްތާންގެ ދިފާޢީ ވަޒީރު އާޞިފް ވިދާޅުވީ، އެ ޤައުމުގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމުގައެވެ. އަދި، އަފްޣާނިސްތާނާ ދެކޮޅަށް "ފާޅުކަން ބޮޑު ހަނގުރާމައެއް" ފަށާފައިވާނެ ކަމުގައެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު މިހާރު ބަދަލު ކުރަމުންދާ ވަރުގަަދަ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް، ދެ ފަރާތުން ވެސް ހާމަކޮށްފައި ވަނީ މަރުވެފައިވާ، އަދި ޒަޚަމުވެފައިވާ މީހުންގެ ތަފާތު އަދަދުތަކެކެވެ. ޕާކިސްތާން ސަރުކާރުގެ ތަރުޖަމާނު މުޝައްރަފް ޛައިދީ ވިދާޅުވީ، ޠާލިބާން ހަނގުރާމަވެރިންގެ 133 މީހުން މަރައިލާފައިވާނެ ކަމުގައެވެ. އަދި، 200ށްހާ މީހުން ޒަޚަމު ކޮށްލާފައިވާނެ ކަމުގައެވެ. ޕާކިސްތާން ސިފައިންގެ 55 މީހުން މަރައިލާފައިވާނެ ކަމުގައި ޠާލިބާނުން ވެސް ބުންޏެވެ. އަދި، މަރުވެފައި ވަނީ ޠާލިބާނުންގެ އަށް ހަނގުރާމަވެރިން ކަމަށާއި، އިތުރު 11 ހަނގުރާމަވެރިން ޒަޚަމުވެފައިވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.
ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ގޯސްވެފައި މި ވަނީ، ޕާކިސްތާނުގެ ރަށްތަކުގައި ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ތިބި ހަނގުރާމަވެރިންނަށް ޠާލިބާނުންގެ ސަރުކާރުން ޙިމާޔަތްދޭ ކަމުގައި އިސްލާމްއާބާދުން ތުހުމަތު ކުރުމުންނެވެ.. ނަމަވެސް، ކާބުލްގެ ސަރުކާރުން އެ ތުހުމަތުތައް ދޮގު ކުރެއެވެ. މި ހަފުތާގެ ކުރީކޮޅު ވެސް ޕާކިސްތާންގެ އަސްކަރިއްޔާއިން ވަނީ ތަހްރީކް-ޠާލިބާން އަދި އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ޙަމަލާ ދީފައެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.