ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރުވެސް ރައްޔިތުންނަށް އެންމެ ފައިދާވާނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ އިންތިޚާބު އެއް ތާރީޚެއްގައި ބާއްވާގޮތަށް ފާސްވެއްޖެނަމަ، އައު ސަރުކާރު ހަވާލުވެ ކުރިއަށް އޮންނަ އަހަރަށް ބަޖެޓު އެކުލަވާލުވުމުގެ މަސައްކަތްވެސް އައު މަޖިލީހުގެ ދަށުން ކުރިއަށްގެންދެވޭގޮތަށް މާލިއްޔަތު ޤާނުނަށް އިސްލާހު ގެންނަވާނެކަމަށް ވިދާޅުވެފައެވެ.
ޕީއެންސީގެ ހަރަކާތެއްގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ހުށައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ތަމްސީލްކުރަން ހޮވާ މަޖިލިސް މެންބަރުން ހޮވުމަށް ވީހާވެސް ގިނަ ރައްޔިތުން ނިކުތުންކަމަށެވެ.
ބައެއް ތަފާސްހިސާބުތައް ޙިއްސާކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީގެ ޙަޔާތުގައި މި ވޭތުވެދިޔަ 4 އިންތިޚާބުގައިވެސް، އެންމެ ގިނަ ރައްޔިތުން ވޯޓު ލާން ނިކުމެފައިވާ އިންތިޚާބަކީ ރިޔާސީ އިންތިޚާބުކަމަށެވެ. އެގޮތުން އެވަރެޖްކޮށް ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވޯޓު ލާން ނިކުންނަ މީހުންގެ ނިސްބަތް %86އިން މަތީގައި ހުރިއިރު، މަޖިލިސް އިންތިޚާބުގައި ވޯޓުލާން ނުކުތް ނިސްބަތް އެވަރެޖްކޮށް ހުރީ، %76ގައެވެ.
އެހެންކަމުން ދެ އިންތިޚާބު ބާއްވާ ދުވަސް އެއް ދުވަހެއްގެ ގޮތުގައި ބަދަލުވެއްޖެނަމަ، ރައްޔިތުންގެ މަންދޫބުން ހޮވުމުގެ އިންތިޚާބުގައި ދާއިރާތަކުން ބައިވެރިވާ ރައްޔިތުންގެ އަދަދު ބޮޑުތަނުން އިތުރުވުމަށް ފުރުޞަތު ލިބޭކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެން ލިބޭ ފައިދާއަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވުން. މިހާތަނަށް އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ ރައްޔިތުން ވޯޓު ލާން ނިކުމެފަވަނީ ރިޔާސީ އިންތިޚާބުގައި. މަޖިލީހާއި ކައުންސިލް އިންތިޚާބަށްވުރެ އެތައް ގުނައެއް އިތުރު." ރައީސް ވިދާޅުވިއެވެ.
މިހާރު ޤާނޫނު އޮތްގޮތުން މަޖިލިސް އިންތިޚާބު އޮންނަނީ ރިޔާސީ އިންތިޚާބުގެ 6 މަސް ދުވަސް ފަހުންނެވެ. ރައީސް ވިދާޅުވީ މީގެ އެންމެ ބޮޑު އެއް ފައިދާއަކަށް ވާނީ، އަލަށް އިންތިޚާބުވާ ސަރުކާރުގެ މެނިފެސްޓޯއާއި އެއްގޮތަށް، ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށް މަޖިލީހަށް ފުރުޞަތު ލިބިގެންދިއުންކަމަށެވެ.
އެގޮތުން ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާމެދު ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުން އެގޮތަށް ރައްޔިތުން ނިންމައިފިނަމަ، ބަޖެޓު ފާސްކުރުމަށް އައު މަޖިލީހަށް ފުރުޞަތު ލިބޭގޮތަށް މާލިއްޔަތު ޤާނޫނަށްވެސް ބަދަލު ގެންނަވަން ހުށައަޅުއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު އޮންނަގޮތުން، އައު ސަރުކާރުގެ ފުރަތަމަ އަހަރު، އެ ސަރުކާރުގެ މެނިފެސްޓޯއާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމުގެ ފުރުޞަތު ލިބިގެން ނުދާކަމަށެވެ. މިއީ ރައްޔިތުންނަށް ލިބޭ ގެއްލުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"މިހާރު އޮންނަގޮތުން ސެޕްޓެމްބަރު ނިމުމުގެ ކުރިން ބަޖެޓު ހުށައަޅަންޖެހޭ. މާލިއްޔަތު ޤާނުނަށް ހުށައަޅާނަން، ޑިސެމްބަރު 1ގައި އިންތިޚާބުވާ އާ މަޖިލީހަށް، އެ ބަޖެޓު ފާސްކުރުމުގައި ބައިވެރިވެވޭގޮތަށް، އެކަން ކުރިއަށްގެންދިއުމަށް ފުރުޞަތު ދޭން." ރައީސް ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއް ތާރީޚެއްގައި ބާއްވާގޮތަށް ޤާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓު ނެގުން އޮންނާނީ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނަ ދުވަސްކަމަށްވާ 4 އޭޕްރިލްގައެވެ.