ޚަބަރު

ކެންދޫ އައު އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި


  • އިންޖީނުގެ ހުޅުވައިދެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙު

  • ފެނަކައިން ސަބް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ހަވާލުކުރީ ސީ ސައިޑް ޕްރައިވެޓް ލިމިޓެޑާ

މާޅޮސްމަޑުލު ދެކުނުބުރި ކެންދޫގައި ޤާއިމުކުރި އައު އިންޖީނުގެ ހުޅުވައިފިއެވެ.

ބ. ކެންދޫގައި ޤާއިމުކުރި އިންޖީނުގެ ހުޅުވުމަށް މިއަދު އެރަށުގައި ޚާއްސަ ރަސްމިއްޔަތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިންޖީނުގެ ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ.

ކެންދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަސައްކަތް ފެނަކައިން ސަބް ކޮންޓްރެކްޓް އުޞޫލުން ސީ ސައިޑް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރީ 11 ޖުލައި 2021 ގައެވެ.


މި މަޝްރޫޢު ނިންމުމަށް ކަނޑައެޅި ތާރީޚަށްވުރެ މަސައްކަތް ލަސްވެގެންދިޔައީ ބިން ހަމަޖެއްސުމާއި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަލާ ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތްތަކަށް ދިގު މުއްދަތެއް ހޭދަވުމުގެ ސަބަބުން ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

މިކަންކަމާ ގުޅިގެން މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރު ނިމެން ގާތްވެފައި ވަނިކޮށެވެ.

މަސައްކަތް ކުރިއަށްދިޔަ މުއްދަތުގައި ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން އެކި ފަހަރުމަތިން މުއްދަތު އިތުރުކޮށްދީފައިވެއެވެ. އެގޮތުން ފުރަތަމަ 31 މޭ 2023 އަށް މުއްދަތު އިތުރުކޮށްދިނުމަށްފަހު، އަނެއްކާވެސް އިތުރު 6 މަސް ދުވަސް ދީފައިވެއެވެ. އޭގެ ފަހުންވެސް އިތުރު ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރު އެދިފައިވާކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

މިއަދު ހުޅުވި އައު އިންޖީނުގެއާއެކު ކެންދޫގެ ރައްޔިތުންނަށް އިތުބާރު ހުރި، ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.