ކުޅިވަރު

އަންޗެލޯޓީގެ ޓީމުގައި ވެސް ނޭމާ އަށް ޖާގައެއް ނެތް


އަންނަ މަހު ބްރެޒިލް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ފޯވަޑް ނޭމާ ޖޫނިއާ ގައުމީ ޓީމަށް ނުނަގަން ކޯޗު ކާލޯ އަންޗެލޯޓީ ނިންމައިފި އެވެ.

ފްރާންސާއި ކްރޮއޭޝިޔާއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުތަކަކީ ޖޫން މަހު އެމެރިކާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން މިހާތަނަށް ރާވާފައިވާ އެންމެ ފަހު އެކުވެރިކަމުގެ މެޗުތަކެވެ.

މިހެންވެ ނޭމާ ސްކޮޑަށް ނުނެގުމަކީ އޭނާ އަށް ވޯލްޑް ކަޕް ކުޅުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވުން ކަމަށް ބެލެވެ އެވެ. އަންޗެލޯޓީގެ ޓެކްނިކަލް ޓީމުން ނޭމާ ޓީމަށް ނުނެގީ އޭނާ ފިޓްނޫން ކަމަށް ބުނެ އެވެ. ހުސްވި ސީޒަނަށް ފަހު އޭނާ ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ފިޓްވާން މަސައްކަތް ކުރި ނަމަވެސް މެޗު ފިޓްނަސް ނެތް ކަމަށް ކޯޗިން ޓީމުން ވަނީ ނިންމާފަ އެވެ.

ބްރެޒިލްގެ ސަންޓޯސް އަށް މިހާރު ކުޅެމުން އަންނަ ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވަމުން އަންނަ ފޯވަޑް އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރު އެވެ. އަންޗެލޯޓީ ގައުމީ ޓީމާ ހުސްވި އަހަރު ހަވާލުވުމަށްފަހު ބުނެފައިވަނީ އޭނާ ވޯލްޑް ކަޕަށް ގެންދާނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން ކަމަށެވެ.

ބްރެޒިލްގެ މީޑިއާތަކުން ބުނާ ގޮތުގައި ފްރާންސާއި ކްރޮއޭޝިޔާ މެޗަށް ނޭމާ އަށް ފުރުސަތު ނުދިނުމަކީ ވޯލްޑް ކަޕް ސްކޮޑަށް ނޭމާ ނުނަގާނެ ކަމުގެ ސާފު ހެއްކެކެވެ. އަދި ވޯލްޑް ކަޕުން ފުރުސަތު ނުލިބޭނަމަ 33 އަހަރުގެ ފޯވަޑް ފުޓްބޯޅަ ކުޅުން ހުއްޓާލުން ގާތް ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.