ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ގޭގައިތިބެގެން މަސައްކަތްކުރުމަށް އެދޭ ޙާލަތްތަކުގައި އެފުރުޞަތު ދޭގޮތަށް ކަނޑައަޅާ ސިވިލް ސަރވިސްގެ ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން ވަރކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުޞަތު މިއަހަރު ހަމަޖައްސަވާދެއްވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން ވަރކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުޞަތު މިއަހަރުގެ މަރިޗު މަހުގެ 1އިން ފެށިގެން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން، ސިވިލް ސަރވިސް ކޮމިޝަނުންވަނީ އެކަމަށް ބޭނުންވާ އުސޫލު އެކުލަވާލާ، ސިވިލް ސަރވިސް ކޮމިޝަނުގެ ގަވާއިދަށް އިސްލާޙެއް ގެނެސްފައެވެ. މިއިސްލާޙުގައިވާގޮތުން ސިވިލް ސަރވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލިވެރިން އޮފީހަށް ހާޒިރުނުވެ އޮފީހުގެ ރަސްމީ މަސައްކަތްކުރުމަށް އެދޭ ޙާލަތުގައި އެގޮތަށް މަސައްކަތް ކުރުމުގެ ހުއްދާ ދޭންވާނެކަމަށްވަނީ ބަޔާންކޮށްފައެވެ.
މިހުއްދަ ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާ މިންވަރު ބަޔާންކޮށް ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކުރަންޖެހޭނެކަމަށްވެސް މިއިސްލާޙުގައިވަނީ ބަޔާންކޮށްފައެވެ.
މިގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން 3 ދަރަޖައަކަށްވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ދަރަޖަކޮށްފައެވެ. އެގޮތުން އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނާއި، އާންމު ދިރިއުޅުމުގެ ކުރަންޖެހޭ ކަންކަމުގައި މެދުމިންވަރަކަށް އެހީތެރިކަން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނާއި، އާންމު ދިރިއުޅުމުގެ ކުރަންޖެހޭ ކަންކަމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންނުވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންވަނީ ދަރަޖަކޮށްފައެވެ.
މީގެތެރެއިން ފުރަތަމަ ދަރަޖައިގައި ހިމެނޭ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދެންވާނެކަމަށްވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ކަނޑައަޅާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމުގައި ބަލާނީ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ ގަވާއިދުތަކުގައިވާގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ކަނޑައަޅާ ކަމާ ގުޅޭ އިދާރާއަކުން ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ ފަރާތެއްކަމުގައިވާންޖެހެއެވެ. މިގޮތުން ގޭގައި މަސައްކަތްކުރުމުގެ ހުއްދަ ދޭއިރު އެއީ ގޭގައި އަދާކުރެވޭނެ ފަދަ މަސައްކަތެއްކަން ކަށަވަރުކުރުކޮށް އެމަސައްކަތް އަދާކުރެވޭނެފަދަ މާހައުލެއް ލިބިފައިވާ މީހެއްކަންވެސް ކަށަވަރުކުރަންވަނީ ބަޔާންކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ބަފަރ ޓައިމް ދިނުމަށްވެސް މިގަވާއިދުގައިވަނީ ހިމަނާފައެވެ. އެގޮތުން އެމީހަކު ބަލަހައްޓާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ދިމާވާ ޙާލަތަކާއި ގުޅިގެން ރަސްމީމަސައްކަތުގެ ފަދިއަށް ހާޒިރުވާން ކަނޑައަޅާފައިވާ ގަދިން ފެށިގެން 1 ގަޑިއިރުގެ ބަފަރ ޓައިމެއްގެ ގޮތުގައި ދެވޭނެކަމަށްވަނީ ކަނޑައަޅާފައެވެ. އަދި ބަފަރ ޓައިމްގެ ތެރޭގައި މުވައްޒަފު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، އެމިންވަރަށް އޮފީސް ނިމޭ ގަޑި ފަސްކުރެވޭނެކަމަށްވެސްވަނީ ބަޔާންކޮށްފައެވެ.