ޚަބަރު

އީރާނުގެ ދިފާޢީ ނިންމުންތައް ނިންމުމުގައި އިސްކޮށް ޝަމްޚާނީ


އުމުރުން 70 އަހަރުގެ ޢަލީ ޝަމްހާނީއަކީ އީރާނުގެ އިންޤިލާބީ ފައުޖުގެ ކުރީގެ ކޮމާންޑަރެކެވެ. އޭނާއަކީ އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޚާމަނާއީގެ އިސް މުޝީރެކެވެ. މިިދިޔަ އަހަރުގެ ޖޫން މަހު ޔަހޫދީން އީރާނަށް ދިން ޙަމަލާތަކުގައި ޝަމްޚާނީގެ ގެއަށް އަމާޒުކޮށް ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާގައި އޭނާގެ ގެ ސުންނާފަތިވި ނަމަވެސް ޝަމްޚާނީ ވަނީ ސަލާމަތްވެވަޑައިގެންފައެވެ. ޔަހޫދީންގެ ޙަމަލާ ނާކާމިޔާބުވުމުން ޝަމްޚާނީ ވަނީ ޔަހުދީންނަށް މަލާމާތް ރައްދުކުރައްވައި ގޮން ޖައްސަވައިފައެވެ. މިއަދު އޭނާ ހުންނެވީ ޖޫން މަހުގެ ހަނގުރާމައަށްފަހު އީރާނުގެ ސަރުކާރުން އަލަށް ޤާއިމްކޮށްފައިވާ ދިފާޢީ ކައުންސިލްގެ ސެކެޓްރީގެ މަޤާމުގައެވެ.

ދިފާޢީ ކައުންސިލްގެ އިސް މަޤާމަކަށް ޝަމްޚާނީ ޢައްޔަނުކުރުމުން އީރާނުގެ ހަނގުރާމަމަތީ ކަންކަމާ ބެހޭ ނިންމުންތައް ނިންމުމުގައި އޭނާގެ ދައުރު ވަނީ ބޮޑުވެފައެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ގޮތުން އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް ކޮޅެއްގައި ޖެހިފައި ނުވާއިރު، ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަސްކަން އިތުރުވެ ހަނގުރާމައަކަށް ދިޔުމުގެ ފުރުޞަތު ދަނީ އިތުރުވަމުންނެވެ. ދިފާޢީ ކައުންސިލުގެ މަސައްކަތަކީ އީރާނުގެ އިސްތިރާޖީ އަދި އަސްކަރީ ނިންމުންތައް ނިންމައި އެ ކަންކަން ރޭވުމެވެ. ޚާއްޞަ ގޮތެއްގައި ޚާރިޖީ ގޮތުން މަސައްކަތްކޮށް ޙައްލެއް ނުލިބި، ބޭރުގެ ފިއްތުންތައް އިތުރުވާ ޙާލަތުގައި ދިފާޢީ ކައުންސިލްގެ ދައުރު އިތުރުވެއެވެ.

އީރާނުން ނިއުކްލިޔަރ ހަތިޔާރު ތަރައްޤީ ކުރުމަށް ބޭނުން ނުވާ ކަމަށާއި އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށް އެ ޤައުމުން ތަކުރާރުކޮށް ބުަނަމުން ދިޔަ ނަމަވެސް ހުޅަނގުގެ ބާރުތަކާއި ޔަހޫދީން އެ ކަން ޤަބޫލެއް ނުކުރެއެވެ. އަދި އެއީ އެކަމަކަށްޓަކައި އީރާނަށް ޙަމަލާ ދިނުން ހައްޤު ކުށެއް ކަމަށް އެމެރިކާއިން ޤަބޫލުކުރެއެވެ.

ކަންކަމާ ގުޅޭގޮތުން ބަސްބުނުމުގައި ޖެހިލުން ނުވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ ޝަމްޚާނީ ވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ދޭ ކޮންމެ ޙަމަލާއެއް، އެއީ ކުޑަ ނުވަތަ ބޮޑު ޙަމަލާއަކަށް ވި ނަމަވެސް، އެއީ ހަނގުރާމައިގެ ފެށުން ކަމުގައި އީރާނުން ދެކޭނެ ކަަމަށް ވިދާޅުވެފައެވެ. އެ ފަދަ ޙަމަލާއެއް ދީފި ނަމަ އީރާނުން ވަގުތުން ރައްދުގައިި ވަރުގަދަ ޙަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

1980ގެ އަހަރުތަކުގައި ކުރި ޢިރާޤު-އީރާން ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޝަމްޚާނީ އަކީ މީގެ ކުރިން އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ އިސްވެރިޔާގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. 2015ވަނަ އަހަރު ހުޅަނގުގެ ބާރުތަކާއެކު ނިއުކްލިޔަރ އެއްބަސްވުމެއް އެކުލަވާލައި ޢަމަލު ކުރަން ފެށިއިރު ވެސް، އަދި އެ އެއްބަސްވުމުން 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަކިވިއިރު ވެސް އެ މަޖިލީހުގައި އިސްކޮށް ހުންނެވީ ޝަމްޚާނީއެވެ. 2023ވަނަ އަހަރު އެ ޖަމިލީހުން ވަކިވެވެވަޑައިގަތުމަށް ފަހު އޭނާ ހުންނެވީ ޚާމަނާއީގެ ސިޔާސީ މުޝީރެއްގެ ގޮތުގައެވެ. އީރާނުގެ ޚާރިޖީ ސިޔާސަތުތަކަށް ހިޔަނި އެޅި، ސަލާމަތީ ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ޤައުމުގެ ދިފާޢީ ކަންކަމާ ގުޅޭގޮތުން މުހިންމު ނިންމުންތައް ނިންމުމަށް ޝަމްޚާނީ ފަދަ ތަޖުރިބާކާރު އަދި މަސައްކަތަށް ކުޅަދާނަ ބޭފުޅުން ޢައްޔަނުކުރުން ދައްކުވައިދެނީ ޤައުމުގެ ކަންކަން ރާވައި ކުރިއަށް ގެންދިޔުމުގައި އެ ބޭފުޅުންގެ ތަޖުރިބާގެ މައްޗަށް އީރާން ބަރޯސާވާ މިންވަރެވެ.