ޚަބަރު

ކުދި ކުށްތައް ކުރާ މީހުން މުޖުތަމަޢަށް ޚިދުމަތްކުރުމަށް ނެރުމަށް ތައްޔާރުވަނީ


  • ކުދި ކުށްތައް ކުރާ މީހުންނަށް އަދަބެއްގެ ގޮތުން ދޭ ފުރުޞަތެއް

  • ނުރައްކާތެރި ކުށްވެރިންނަށް ފުރުޞަތެއް ނުލިބޭނެ

ކުދި ކުށްތަކުގައި އަދަބު ކަނޑައަޅާފަވާ މީހުންނަށް، އަދަބެއްގެ ގޮތުން މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް ދޭ ފުރުޞަތު ތަންފީޒުކުރުމަށް، އެކަމާ ގުޅޭ ތައްޔާރީތައް ވަމުންދާކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ. ބައެއް ފަރާތްތަކާއެކު އެއްބަސްވުން ޤާއިމުކޮށްފަވާއިރު، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއެކު މަޝްވަރާވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

ކުދި ކުށްތައް ކުރާ މީހުން މުޖުތަމަޢަށް ޚިދުމަތްކުރުމަށް ނެރުން ނުވަތަ ކޮމިއުނިޓީ ސެންޓެންސްއަކީ ކުދި ކުށްތަކުގައި ލުއި އަދަބު ތަންފީޒުކުރަމުންދާ މީހުންނަށް، ދޭ ފުރުޞަތެކެވެ. މިއީ ކުދި ކުށްތަކުގައި ކޯޓުން ހުކުމް ކޮށްފައި ތިބޭ މީހުންގެ ތެރެއިން، އެމީހުންގެ ހުނަރާ ޤާބިލުކަން ބޭނުންކޮށްގެން މުޖުތަމަޢުއަށް ލާބައާ މަންފާއަށް ޚިދުމަތްކުރުމަށް ފޯރުކޮށްދިނުމަށް ދޭ ފުރުޞަތެކެވެ.

ކޮމިއުނިޓި ސެންޓެންސިން ނުވަތަ ހުކުމެއް ތަންފީޒުކުރުމަށް މުޖުތަމަޢަށް ޚިދުމަތްކުރުމަކީ ތަޙުޒީބު ޤައުމުތަކުގައިވެސް ތަންފީޒުކުރަމުންދާ ކަމެކެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާގެ ދަށުން، "ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"އެއް އެކުލަވަލާފަވަނީ 2022ވަނަ އަހަރުއެވެ. ނަމަވެސް މި ޤަވައިދު މިހާތަނަށް ތަންފީޒުވަމުން އައިސްފައެއް ނުވެއެވެ.

މޯލްޑިވެސް ކަރެކްޝަނަލް ސަރވިސްއިން ދަނީ ކުދި ކުށްތައް ކުރާ މީހުން މުޖުތަމަޢަށް ޚިދުމަތްކުރަން ނެރެން ފެށުމަށް، އެކަމަށް ހުރި ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް މިދިޔަ ނޮވެންބަރުމަހު ވަނީ ހުވަދު އަތޮޅު ކައުންސިލާއެކުވެސް އެއްބަސްވުން ޤާއިމުކޮށްފަވެއެވެ.

މީގެ އިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގެ މުއްދަތުގައި، ޤައިދީން މުޖުތަމަޢުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް އެމް.ސީ.އެސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

މިހާރު ދަނީ، މުޖުތަމަޢަށް ޚިދުމަތް ކުރެވޭނެ ދާއިރާތައް ދެނެގަތުމަށް، ބައެއް ކުންފުނިތަކާ ބައްދަކޮށް، އެއްބާރުލުންދެވޭނެ ދާއިރާތަކަށް މަޝްވަރާކުރަމުންނެވެ. އެގޮތުން މަސައްކަތުގެ ބާވަތާއި އެފަދަ މީހުން ޚިދުމަތަށް ނެރުމުގައި ޢަމަލުކުރާނެ ގޮތްތަކާއި އެކަން މޮނިޓަރކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ.

ކޮމިއުނިޓީ ސެންޓެންސިންއަކީ އެމީހެއްގެ ކުށުގެ އަދަބެއްގެ ގޮތުން މުޖުތަމަޢުއަށް ޚިދުމަތް ކުރުމެވެ. ޤާނޫނުލްޢުޤޫބާގައި 2014ވަނަ އަހަރު ހިމަނާފަވާގޮތުން، 1 އަހަރުގެ ޖަލު ހުކުމެއް އަންނަ މީހާ، 2 އަހަރުގެ ގޭ ބަންދު ނުވަތަ 1920 ގަޑިއިރުގެ ކޮމިއުނިޓީ ސަރވިސް ފުރިހަމަކުރެވިދާނެއެވެ.

7 ދުވަހުގެ ޖަލު ހުކުމެއް އަންނަ މީހަކު، 40 ގަޑިއިރަށް ކޮމިއުނިޓީ ސަރވިސްގައި މަސައްކަތް ކުރެވިދާނެއެވެ.


މިއީ އެފަދަ މީހުންގެ ހުނަރާ ޤާބިލުކަން މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތެއްގައި ބޭނުންކުރުމަށް ދެވޭ ފުރުޞަތެކެވެ. އެގޮތުން މުނިސިޕަލް އެކި ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައި ޚިދުމަތްކުރުން ހިމެނެއެވެ.

މިއީ ރަނގަޅުވާން ބޭނުންވާ މީހުންނަށް ދެވޭ ދެވަނަ ފުރުޞަތެކެވެ. ގޭބަންދުގައި ނުވަތަ ޖަލުހުކުމް ތަންފީޒުކުރާ ރަށުގައި، އިޖްތިމާޢީ މަސައްކަތްތަކަށް ފުރުޞަތު އޮތްނަމަ، އެ ރަށެއްގައި ތިބެގެންވެސް ޚިދުމަތް ކުރެވިދާނެކަމަށް ގަވާއިދުގައިވެއެވެ. އަދި އެފަދަ މީހުން ޚާއްސަ ޙާލަތްތަކުގައި ޚިދުމަތް މެދުކަނޑާލެވޭނެ ކާލަތްތަކެއްވެސް އުސޫލުގައި ކަނޑައަޅާފަވެއެވެ. ނަމަވެސް އެ ޙަލަތް ނިމުމަކަށް އައުމުން، މުއްދަތު ފުރިހަމަކުރަން ވާނެއެވެ.

ކަރެކްޝަންގެ އޮފިސަރުން މިކަން ގާތުން މޮނިޓަރކޮށް، އެމީހަކާ ގުޅޭ ރިޕޯޓެއްވެސް ތައްޔާރުކުރާނެއެވެ.

އެކި ބާވަތުގެ ހުކުމް ތަންފީޒުކުރާ މީހުންނަށް ރަނގަޅުވުމަށް ފުރުޞަތު ދިނުމާއި އެފަދަ މީހުންނަށް މަސައްކަތާއި ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައްވެސް އަންނީ ހިންގަމުންނެވެ. އަދި ގައިދީންގެ އިންސާނީ ޙައްގުތައް ކަށަވަރުކުރުމާއި ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް އުމްރާނީގޮތުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމިއުނިޓީ ސެންޓެންސިންގެ މި ފުރުޞަތު، ނުރައްކާތެރި ކުށްވެރިންނާއި ދިގު މުއްދަތައް ޖަލު ހުކުމް ތަންފީޒުކުރާ މީހުންނަކަށް ނުލިބޭނެއެވެ.