ރަމަޟާން މަހަކީ ހުރިހާގޮތަކުންވެސް މުސްލިމުނަށް ޚާއްސަ މަހަކަށްވާއިރު އެމަހުގައި ބެލުންތެރިންނާ ހަމައަށް ޚާއްސަ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ޕީއެސްއެމް ނިއުސް ޓީމުންވެސް މަސައްކަތްކުރެއެވެ.
ކޮންމެ އަހަރެއްގައިވެސް ލިބޭ ތަޖުރިބާގެ އަލީގައި ޖެހިގެން އަންނަ އަހަރުގެ ރަމަޟާން މަހަށް ތަފާތު ކޮންޓެންޓު ބެލުންތެރިންނަށް ގެނެސްދިނުމަށް ނިއުސް ޓީމުންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިރަމަޟާން މަހުވެސް ތަފާތު ޕްރޮގްރާމްތަކެއް ޓީވީ ސްކްރީނަށް އަންނާނެއެވެ.
ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ޚާއްސަ 24 ގަޑިއިރު ޚިދުމަތްދެމުންދާ ޕީއެސްއެމްގެ ޚަބަރު ޗެނަލް "ޕީއެސްއެމް ނިއުސްއިން" 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން މުޅިން ތަފާތު 7 ޕްރޮގްރާމެއް މިއަހަރު ގެނެސް ދިނުމަށްވަނީ ނިންމާފައެވެ.
"ސަބަބުން ނުޒޫލު" ނަމުގައި ކީރިތި ޤުރުއާނުގައި ފާހަގަކޮށްލެވޭ ބައެއް އާޔަތްތައް ބަވާ ލެއްވުނު ސަބަބުތަކާއި، އެއާޔަތްތައް ބާވާލެއްވުނު ޙާދިސާތަކާއި، ސަޙާބީންގެ ފަރާތުން ހުށައެޅުނު ސުވާލުތަކާއި ގުޅިގެން މާތްﷲ ވަޙީ ބަސްފުޅު ފޮނުއްވި އާޔަތްތަކުގެ މައްޗަށް އަލިއަޅުވާލާ ގެނެސްދޭ ޕްރޮގްރާމެކެވެ.
"ނަފްސު ހެޔޮމަގަށް" ނަމުގައި ރަމަޟާން މަހު ނަފްސު ހަމަމަގަށް އެޅުވުމަށް ދީނީ ޢިލްމުވެރިން މެދުވެރިކޮށް ޚާއްސަ ދީނީ ޕްރޮގްރާމެއްވެސް ގެނެސްދިނުމަށްވަނީ ނިންމާފައެވެ.
ޖަލުގައި ތިބި ގައިދީންނަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ ވާހަކަތައް ގެނެސްދިނުމަށް މިދިޔަ އަހަރު ގެނެސްދިން "ދެވަނަ ފުރުސަތެއް" ޕްރޮގްރާމަށް ލިބުނު ތަރުޙީބާއި ގުޅިގެން މިޕްރޮގްރާމް މިއަހަރުވެސް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ގައިދީންގެ ދިރިއުޅުމާއި، ޖަލަށް ދާންޖެހުނު ސަބަބުތަކާއި އަދި އެތަނުން ނުކުމެ އާންމު ދިރިއުޅުމެއް ހޯދުމަށް ކުރާ އުއްމީދުގެ މައްޗަށް ތައްޔާރުކޮށް މިޕްރޮގްރާމް މިއަހަރުވެސް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.
އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ މުހިއްމު އެކި ޝަޚްސިއްޔަތުތަކަށް އަމާޒުކޮށް "ތަރިން"ގެ ނަމުގައި ޚާއްސަ ޝޯވްއެއްވެސް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. މިޝޯގެ ތެރެއިން ތަރިންގެ ދިރިއުޅުމާއި ކާމިޔަބީއަށް ކުރި ދަތުރުގެ ތަފްސީލީ މަޢުލޫމާތު ހިއްސާކުރަމުންދާނެއެވެ.
އާންމުގޮތެއްގައި ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކުގެ ތަފާތު ހުނަރެއް ގެނެސްދިނުމަށް މިއަހަރު ކެއްކުމަށް ޚާއްސަ "10ގަޑި30" ޝޯވްއެއް ގެނެސްދިނުމަށްވަނީ ނިންމާފައެވެ. މިގޮތުން ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުންގެ ކެއްކުމުގެ ހުނަރާއި، އެބޭފުޅުންގެ ދިރިއުޅުމުގެ މުހިއްމު ކަންކަމާއި، ކުޑައިރުގެ ހަނދާންތަކާއި ގުޅޭގޮތުން ތަފާތު ވާހަކަތަކެއް މިޝޯގެ ތެރެއިން ގެނެސްދޭނެއެވެ.
ރާއްޖޭގައި ރަމަޟާންމަހަށް ތައްޔާރުވުމަށް އެންމެ ބުރަ މަސައްކަތެއްކުރާ އެއްބަޔަކީ ދަނޑުވެރިންނެވެ. އެހެންކަމުން "ދަނޑުވެރިން" މި ޕްރޮގްރާމްގެ ތެރެއިން ދަނޑުވެރިން ކުރަމުންދާ މަސައްކަތްތަކާއި، ދަނޑު ހެއްދުމުގައި ދިމާވާ އެކި ކަންކަމާއި ދަނޑުވެރިންގެ ތަޖުރިބާ މިޕްރޮގްރާމްގެތެރެއިން ގެނެސްދޭނެއެވެ.
ރާއްޖޭގެ އެކި ރަށްރަށަކީ ތަފާތު އެކި ކާބޯތަކެއްޗަށް ޚާއްސަ ރަށްތަކެއްކަމުން މިރަމަޟާން މަހު ޕީއެސްއެމްގެ ޓީމުންވަނީ އެފަދަ ކާބޯތަކެއްޗަށް ޚާއްސަ ބައެއް ރަށްތަކުން މިރަހަތަށް ބެލުންތެރިންނަށް ގެނެސްދިނުމަށް ޚާއްސަ "ރަށު ރަހަ" ޕްރޮގްރާމް ގެނެސްދިނުމަށް ނިންމާފައެވެ. މިޕްރޮގްރާމްގެ ތެރެއިން އެރަށްރަށުން ރަމަޟާން މަހާއި ގުޅިގެން ފެނިގެންދާ ޚާއްސަ އާދަކާދަތަކާއި ގުޅޭ މަޢުލޫމާތުވެސް ގެނެސްދޭނެއެވެ.
މި ޕްރޮގްރާމްތަކުގެ އިތުރުން، މި ރޯދަމަހުވެސް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުއްޤައްޔޫމް ދެއްވާ ދީނީ ނަޞޭހަތް މި ރަމަޟާން މަހުވެސް ޕީއެސްއެމް ނިއުސްއިން ގެނެސްދޭނެއެވެ.
ރައީސް މައުމޫންގެ އަގުހުރި ނަސޭހަތުގެ ބަސްކޮޅުތަކާއެކު "ރޯދައިގެ ހިޔަލުގައި" މިފަހަރުވެސް ޕީއެސްއެމް ނިއުސްއިން ގެނެސްދޭނީ މައުމޫން ފައުންޑޭޝަންގެ އެހީތެރިކަމާއެކުގައެވެ. އަދި ކޮންމެ ދުވަހަކުވެސް ބާޒާރުމަތީ އަގުތަކާއި، ދީނީ މަޢުލޫމާތު ގެނެސްދޭ ޚާއްސަ ސެގްމަންޓެއް ޚަބަރު ގަޑިތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމްތަކާއެކު މިއަހަރު ޕީއެސްއެމް ނިއުސްގެ ކޮންޓެންޓް ބެލުންތެރިން ޝައުގުވެރިވާ ފަދަ ގޮތަކަށް ގެނެސްދިނުމަށް ނިއުސް ޓީމުންދަނީ މަސައްކަތްކުރަމުންނެވެ. ހަމަމިއާއެކު ޚަބަރުގެ އިތުރުން ރަމަޟާން މަހާ ގުޅޭނެފަދަ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށްވެސް ނިއުސްޓީމުން މަސައްކަތްކުރަމުންދާނެއެވެ.