ޚަބަރު

ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް 2އަށް، އެތެރޭގެ އުދުހުންތަކަށް ބޮޑު ބަދަލެއް


  • ޚިދުމަތްތައް އެތައް ގުނައަކަށް ފުޅާކޮށް ހަލުވިވާނެ

  • ޓާމިނަލް 2ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ބަހައްޓާފައިވޭ

  • ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދުވެސް އަހަރަކުން އަހަރެއް ދަނީ އިތުރުވަމުން

ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލްއަށް ބަދަލުވުމަކީ މިތަނުން ދޭ ޚިދުމަތްތައް ފުޅާކުރުމަށް ހުޅުވުނު އައު ބާބެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ، ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް، ޓާމިނަލް 2އަށް ބަދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާވެ ކުރިއަރަމުން އަންނައިރު، އެތަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަކީ މުހިންމު ކަމެކެވެ. ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް ޓާމިނަލް 2 އަށް ބަދަލު ކޮށްފައިމިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މި މަސައްކަތަކީ ވީއައިއޭއިން ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަކަށް އިތުރުވި ބޮޅެއް ކަމަށެވެ. ޝަރީފް ވިދާޅުވީ، އިންޓަރނޭޝަނަލް ފަސިންޖަރުންނާއި އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދުވެސް އަހަރަކުން އަހަރެއް އިތުރުވަމުން ދާ ކަމަށެވެ. އެހެންކަމުން މިހާރު ބޭނުން ކުރަމުންދާ ޑޮމެސްޓިކް ޓާމިނަލްއިން ޕީކް ސީޒަންގައި ވަރަށް ބޮޑަށް ތޮއްޖެހި ޚިދުމަތް ދިނުމަށް އުނދަގޫތަކާއި ކުރިމަތިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންކަމުން މިހާރު ބޭނުން ކުރަމުން އަންނަ ޑޮމެސްޓިކް ޓާމިނަލް ޚާއްޞަ ގޮތެއްގައި ޕީކް ސީޒަންގައި ވަރަށް ބޮޑަށް ތޮއްޖެހި ޚިދުމަތް ދޭން އުނދަގޫވެ، އެތަން ބޭނުންކުރާ ފަސިންޖަރުންނަށް ބޮޑު ތަކުލީފަކަށްވޭ. ބައެއް ފަސިންޖަރުން ޗެކިން ކުރުމުގައި ގިނަ ވަގުތުތައް ހޭދަ ކުރަންޖެހޭ" ޝަރީފް ވިދާޅުވިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިކަން ޙައްލު ކުރުމުގެ ގޮތުން ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލްއަށް ޑޮމެސްޓިކް އޮޕަރޭޝަންތައް ބަދަލުކޮށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ހަމައެކަނި ބަދަލު ކުރުމެއް ނޫން ކަމަށާއި، މި ބަދަލު އަންނާނީ ޚިދުމަތްތައް އެތައް ގުނައަކަށް ފުޅާކޮށް މިހާރު ދޭ ޚިދުމަތްތައް އެތައް ގުނައަކަށް ހަލުވި ވެގެން ދިޔުމުން ކަމަށް ވިދާޅުވިއެވެ.

ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި 8 ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް، ޓާމިނަލް 2 ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ވަނީ ބަހައްޓާފައެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބަހައްޓާފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެއެވެ. މީގެ އިތުރުން ޓާމިނަލް 2ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކިން ދެ ނަމާދު ކޮޓަރިއާއި، ކުޑަކުދިންގެ ކުޅޭ ސަރަޙައްދަކާއި، އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެއެވެ. މީގެ އިތުރުން އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށްވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. ޓާމިނަލް 2 ގައި ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ވަނީ ބަހައްޓާފައެވެ.

އިންޓަރނޭޝަނަލް ދަތުރުތަކުގެ އިތުރަށް ރާއްޖޭގެ އެތެރޭގެ އުދުހުންތައް ބޭނުން ކުރާ ފަތުރުވެރިންގެ އަަދަދު އިތުރުވަމުން އަންނައިރު، ޑޮމެސްޓިކްއިން ދެމުންދިޔަ ޚިދުމަތްތައް ޖާގަ ތަނަވަސް ޓާމިނަލްއަށް ބަދަލުވެގެން ދިޔުމަކީ، އެތެރޭގެ އުދުހުންތަކުން ދަތުރު ކުރާ ފަތުރުވެރިންނާއި، ދިވެހިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ. ހަމައެގޮތަށް ދަތުރު ކުރާ ނިސްބަތް އިތުރުވެ، ރާއްޖޭގެ އިޤްތިޞާދަށް މީގެ ސަބަބުން ފައިދާ ކުރާނެ ކަމެއް ކަމަށްވެސް އެމްއޭސީއެލްއިން ފާހަގަކުރެއެވެ.