ޚަބަރު

އޮންލައިންކޮށް މިހާރު ފިޠުރު ޒަކާތް ދެއްކޭނެ


  • އޮންލައިންކޮށް 7 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެ

  • ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. މިފަހަރު އޮންލައިންކޮށް 7 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެއެވެ.

ޒަކާތް ދެއްކޭނެ ގޮތްތައް:

• ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް)
• އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
• މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
• ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްިލޭޝަން)
• ފަހިޕޭ (އެޕްލިކޭޝަން)
• އަވަސް އެޕް
• ބަނޑޭރި ޕޭ

ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިޠުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައްވެސް ޒަކާތު ހައުސްއިން ވަނީ އިޢުލާންކުރައްވާފައެވެ.

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް:

• 22 ފެބުރުވަރީ - 9 މާރިޗު: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް
• 10 މާރިޗު - 19 މާރިޗު : ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް

ޒަކާތު ހައުސިން އިން ވިދާޅުވީ ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:

• އާދައިގެ ހަނޑޫ: 12 ރުފިޔާ
• ތައިލެންޑް ހުދު ހަނޑޫ:53 ރުފިޔާ
• ރަތް ހަނޑޫ: 96 ރުފިޔާ
• ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
• ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ
• ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
• އާދައިގެ ފުށް: 10 ރުފިޔާ
• އާޓާ ފުށް: 75 ރުފިޔާ

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ޙިޖުރައިން 2ވަނަ އަހަރުއެވެ. ޒަކާތް ބަހަނީ ފަޤީރުންގެ ގޮތުގައި ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.