މި އަހަރުގެ ރަމަޟާންމަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1 އަށް ކަމަށް ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނެރުއްވި އެންގެވުމެއްގައި ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ކުރިއެކޭވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.
ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމުންނެވެ.
ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަހުގެ މަސައްކަތު ގަޑި އާންމު މަސްތަކަށްވުރެ ކުރެވެެ. އެއީ ލުއިފަސޭހަކުރުމާއި އަދި ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމަށް ވަގުތު ދެއްވުމަށް ގެންނަ ބަދަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 ބަންދުކުރެއްވުމަށްވެސް ނިންމަވާފައެވެ. އެއީ އަޅުކަމާ ދީނީ ކަންކަމުގައި ޝާމިލުވެ އުޅެން ފުރުޞަތު ރައްޔިތުންނަށް ދެއްވުމަށް ގެންނެވި ބަދަލެކެވެ.