ޚަބަރު

ރައްޔިތުން އެދިއެދި ތިބި އެތައް ފަރުވާއެއް އާސަންދައިން ފޯރުކޮށްދޭން ފެށުނު އަހަރެއް


  • އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ އާސަންދައިގެ ތެރެއިން ދޭންވަނީ ފަށާފައި

  • ނިކޮޓިންގ ރިޕްލޭސްމަންޓް ތެރަޕީގެ ފޯރުކޮށްދިނުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައި

އާސަންދަ ނިޒާމަކީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭސްފަރުވާއަށް ދައުލަތުގެ އެހީގައި ޚަރަދުކުރުމަށް ކަނޑައަޅާފައިވާ ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމެކެވެ.

މިނިޒާމުގެ ތެރެއިން ބޭސްފަރުވާގެ ޚިދުމަތްތައް އަތްފޯރާ ފަށަށް ގެނެވިފައިވާއިރު ސަރުކާރުން މިހާރުވަނީ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި އާސަންދައިން ކަވަރުކުރާ އިތުރު ޚިދުމަތްތައް ހިމަނުއްވާފައެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ސަރުކާރުން އާސަންދަ މެދުވެރިކޮށް ދެއްވި މުހިއްމު ޚިދުމަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ދަރިމައިވުމާ ގުޅޭ ދާއިރާއެވެ. އެދާއިރާއިން އާސަންދަ މެދުވެރިކޮށް ފަރުވާ ރާއްޖޭގައި ފުޅާކުރައްވާފައިވާއިރު 'އެންޑޮމެޓްރިއޯސިސް' އަށް 1965 މީހަކު އަދި 'ޕީ.ސީ.އޯ.އެސް' އަށް 9650 ފަރާތަކުން ފަރުވާ ހޯދާފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ކުއްޖާ އުފަންވީ މިއަހަރު

ރާއްޖޭގެ މުޅި ޞިއްޙީ ނިޒާމަށް ބަލާއިރުވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ އައިވީއެފް މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވުމެވެ. އާސަންދަ މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ ރާއްޖެއިން ލިބޭނެ މަގު މިހާރުވަނީ ފަހިވެފައެވެ.

"ހަމައެއާއެކު، މި ސަރުކާރުން އުފެއްދި ފަރޓިލިޓީ ކެއަރ ފަންޑަށް ޖުމްލަ 30 މިލިޔަން ރުފިޔާ ޖަމާކޮށް، 93 ފަރާތަކުން މި ފަންޑުގެ އެހީގައި ފަރުވާ ހޯދައި، އޭގެ ތެރެއިން 20 ކުދިން އުފަންވެފައިވާކަންވެސް ފާހަގަކޮށްލަން. އަދި، މި ފަންޑު ބޭނުންކޮށްގެން މިއަހަރު އައި.ވީ.އެފް ހެދުމަށް މިހާތަނަށް އިތުރު 35 ފަރާތެއްވެސްވަނީ ޝަރުޠު ފުރިހަމަވެފައިކަން ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ޞިއްޙީ ދާއިރާއިން އެޅުއްވި އެންމެ ބޮޑު އެއްފިޔަވަޅަކީ މުޅި ދުނިޔޭގެ ސަމާލުކަންވެސް ލިބިގެންދިޔަ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ވަކި ޢުމުރަކުން ފެށިގެން މަނާ ޤައުމެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ދުނިޔޭގައި ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅި ޤައުމަކީ ދިވެހިރާއްޖެއެވެ. މިއީ ދެމެހެއްޓެނިވި ކަމަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޓޮބޭކޯ ސެޒޭޝަންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައެވެ.

އާސަންދަ މެދުވެރިކޮށް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ބޭނުންކުރާ ނިކޮޓިންގ ރިޕްލޭސްމަންޓް ތެރަޕީގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފައެވެ. ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާތަނަށް 433 ޞިއްޙީ ޚިދުމަތްތެރިން ތަމްރީންކޮށްފައިވާއިރު ރާއްޖޭގައި 2003 މީހަކު ޓޮބޭކޯ ސެޒޭޝަން ޕްރޮގްރާމުގައި ބައިވެރިވެ، 375 ފަރާތަކުން ކާމިޔާބުކަމާއެކު ދުންފަތުގެ އިސްތިޢުލާމު ކުރުންވަނީ ހުއްޓާލާފައެވެ.

ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއެއް އާސަންދައިގެ ތެރެއިން

ސަރުކާރުންވަނީ މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް، އާސަންދަ ލިބޭގޮތް ހަމަޖައްސަވާފައެވެ. މީގެއިތުރުން އައިޖީއެމްއެޗް އާއި، ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި، އާސަންދައިގެ ދަށުން 2,000 ރުފިޔާއަށް އައިނު ހެއްދުމުގެ މަގުވެސްވަނީ ފަހިކޮށްދެއްވާފައެވެ. މިޚިދުމަތުގެ ތެރެއިން އާސަންދަ މެދުވެރިކޮށް މިހާތަނަށް 12,988 މީހުން ލޯ ދައްކާފައިވާއިރު، އޭގެތެރެއިން 12,056 ފަރާތަކުން މިހާތަނަށްވަނީ އައިނު ހައްދާފައެވެ.

އާސަންދައިގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުންދަނީ އާސަންދައިން ކުރަމުންދާ އިސްރާފުގެ ބައެއް ޚަރަދުތައް ކުޑަކޮށް ދެމެހެއްޓެނިވި ނިޒާމަކަށް އެނިޒާމު ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.