ފަލަސްޠީނުގެ ޣައްޒާގެ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެއްގައި އެ ސަހަރުގެ ގެދޮރު ގެއްލިފައިވާ އެތައް ހާސް ރައްޔިތުންނަށް ވަގުތީ ގޮތުން ދިރިއުޅެވޭނެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއިން ހުށަހަޅައިފިއެވެ.
ޔޫއޭއީގެ ހުށަހެޅުން ފެންނަ ޗާޓެއްގައި ވާ ގޮތުން “ޔޫއޭއީ ޓެމްޕޮރަރީ އެމިރޭޓްސް ހައުސިންގ ކޮމްޕްލެކްސް” އިމާރާތް ކުރާނީ ރަފަޙްގައެވެ. ރަފަޙްއަކީ ޔަހޫދީންގެ ޙަމަލާތަކުގައި ސުންނާފަތިވެ ބިމާ ހަމަވެފައިވާ އަވަށެކެވެ. މީގެ ކުރިން 250،000އެއްހާ މީހުން ދިރިއުޅެމުން ދިޔަ ރަފަޙް މިހާރު ވަނީ އެއްވެސް މީހަކު ދިރިނޫޅޭ ހަނަފަސް ބިމަކަށް ބަދަލުވެފައެވެ.
މިޞްރާއި ޣައްޒާއާ ގުޅުވައިދޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަފަޙްއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ ރޭވުމެއްގެ ދަށުން ޣައްޒާ އަލުން އާރާސްތުކުރުމުގައި ފުރަތަމަ ބިނާ ކުުރުމަށް ނިންމާފައިވާ ސަރަޙައްދެވެ. ނަމަވެސް އެ ކަމަށް ޚަރަދު ކުރުމަށް ޤައުމުތަކުން ފަސް ޖެހެއެވެ. އެއީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހަދާ ނަމަ އަނެއްކާ ވެސް ހަނގުރާމަ ފެށުމުގެ ފުރުޞަތު އޮތުމުންނެވެ. ނަމަވެސް ޔޫއޭއީގެ މަޝްރޫޢުއާ މެދު ވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ. ޣައްޒާގެ ގިނަ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ޙަމާސްގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި ކަމަށް ވީއިރު، ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެއްގައި ދިރިއުޅުމަށް ޣައްޒާގެ ރައްޔިތުން ބޭނުންވާނެ ކަމަކަށް ނުބެލެވެއެވެ.
ޔޫއޭއީއިން ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ ހައުސިންގ ކޮމްޕްލެކްސްއަކީ އެމެރިކާއިން ބިނާ ކުރުމަށް ހުށަހަޅާފައިވާ މި ފަދަ މުޖުތަމަޢުއަކާ އެއްގޮތްކަމެއް ހުރި ހުށަހެޅުމެކެވެ. ނަމަވެސް އެމެރިކާގެ ރޭވުންތަކާ ޚިލާފަށް ޔޫއޭއީގެ ކޮމްޕައުންޑު ތަރައްޤީ ކުރުމަށް ހުށަހަޅާފައި ވަނީ މީގެ ކުރިން ރަފަޙްގައި މީހުން ދިރިއުޅެފައި ނުވާ ސަރަޙައްދެއްގައެވެ. އެނގިފައިވާ ގޮތުގައި، މި މަޝްރޫޢުއާ ގުޅިގެން ޔޫއޭއީއިން ދަނީ އެމެރިކާއާއި، ޓްރަމްޕް އުފައްދަވާފައިވާ ޞުލްޙައިގެ ބޯޑާއި ޣައްޒާ ހިންގުމަށް އެމެރިކާއިން އެކުލަވާލާފައިވާ ކޮމިޓީއާއެކު މަސައްކަތް ކުރަމުންނެވެ.