ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑު ކޮންސެޕްޓުގައި ޤައިދީންނަށް ޚާއްޞަ ކޮށްގެން ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އޯޕަން ޕްރިޒަން އައިލެންޑު ކޮންސެޕްޓުގައި މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި އެރަށުގައި ޤައިދީންނަށް ދިރިއުޅެވި މަސައްކަތްތައް ކުރެވޭ ގޮތަށް ރިހެބިލިޓޭޝަނަށް އަމާޒު ކޮށްގެން ރަށެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމަސައްކަތް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާއި ޙަވާލުކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މިޖަލުގައި ޤާއިމްކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދު ތެރޭގައި ފަށައި، މި އަހަރުގެ ނިޔަލަށް ޤައިދިން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
" މިޖަލުގައި ޤާއިމްކުރަންޖެހޭ އުމްރާނީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފަށައި، މި އަހަރުގެ ނިޔަލަށް އެތަނައް ޤައިދިން ލުމަށް ވަނީ ޕްލޭންކޮށްފައި. މިރަށަށް ގެންދެވޭނީ، މިނިމަމް ސެކިއުރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ގައިދު ކުރެވޭ ފަރާތްތައް. މި ފަރާތްތަކަށް ދަނޑުވެރިކަމާއި އެފަދަ އެހެން މަސައްކަތްތައް ދަސްކޮށްދެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވައްދާ ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް އެންމެ ޒަމާނީ ބޮޑީ ސްކޭނަރއެއް މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ބޮޑީ ސްކޭނަރ އިންސްޓޯލްކޮށް، މި އަހަރުގެ އޭޕްރީލް މަހު ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މީގެ ސަބަބުން ޖަލުން ސްކޭމް ކޯލް ކުރުމާއި، މި ބާވަތުގެ އެެހެން ކަންކަން ހުއްޓުވޭނެ ކަމަށެވެ. އަދި ޖަލަކީ، ހަމައެކަނި އަދަބު ދިނުމަށް ގެންދެވޭ ތަނެއްގެ ބަދަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީންނަށް ދިރިއުޅުމަށް ކާމިޔާބު މީހަކަށް ހެދުމަށް އިސްލާޙީ ރިހެބިލިޓޭޝަން ފުރުޞަތު ދެވޭ ތަނަކަށް ބަދަލު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިގޮތުން ރިހެބިލިޓޭޝަން ޕްރޮގްރާމް ޤަވާއިދުން ފުރިހަމަކޮށް، އަޚުލާޤު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުން ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލު ޙުކުމުން އިތުރު ދުވަހެއް ކެނޑޭގޮތަށް ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުށް ކޮށްގެން ޖަލަށް ޙުކުމް ކުރާ ފަރާތްތަަކަށް ޖަލުގައި ބަންދުކޮށްފައި ތިބޭއިރު، އިންސާނީ ކަރާމާތާއި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިންތިޒާމުތައް ހުރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން 17 ނޮވެމްބަރ 2023އާއި ހަމައަށް ޖަލުތަކުގައި ހުރި ގިނަ ގޮޅިތަކުގައި ޤައިދީން އުޅުނީ ކަރަންޓު ނެތި ކަމަށެވެ. އެހެންކަމުން ޤައިދީންގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތުގެ ދަށުން ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.