ޚަބަރު

2026ގެ އަމާޒު: 2.5 މިލިޔަން ފަތުރުވެރިން


  • މިއަހަރު 5.6 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުން ލިބޭނެކަމަށް އަންދާޒާކުރޭ

  • މިއަހަރު އިތުރު 7 ރިސޯޓު ހުޅުވޭނެކަމަށް ބެލެވޭ

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއާއިއެކު މިއަހަރު ފަތުރުވެރިކަމުން ލިބޭ އާންދަނީވެސް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ބަދަކަމަށެވެ. އެއީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައި ދޮރާށިކަމަށާއި، ފާއިތުވި އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ.

2025 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %9.8 އިތުރު އަދަދެކެވެ. މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު 5.55 ބިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %13.8 ކުރިއެރުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއާއިއެކު މިއަހަރު އަމާޒަކީ ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަހަރު 5.6 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުން ލިބޭނެކަމަށް އެމްއެމްއޭއިން އަންދާޒާކުރޭ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިޔަނަށް އިތުރުކޮށް %11.3 ގެ ކުރިއެރުމެއް ހޯދުން. މިކަން ހާސިލްކުރުމަށްޓަކައި ސަރުކާރުގެ އަމާޒަކީ ރާއްޖެ ޕްރޮމޯޓްކުރުމަކީ އެންމެން ޝާމިލްވާ މަސައްކަތެއްގެ ގޮތުގައި ހެދުން. މި މަސައްކަތް ހާސިލްކުރުމަށްޓަކައި 2027 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔަރގެ ގޮތުގައި ކަނޑައަޅައި އިއުލާންކުރަން." ރައީސް ވިދާޅުވިއެވެ.

2023 ވަނަ އަހަރު ރާއްޖޭގައި އެންމެ ރިސޯޓެއްވެސް އެންމެ ޓޫރިސްޓް ހޮޓަލެއްވެސް ހުޅުވިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިދިޔަ 2 އަހަރު ފަތުރުވެރިކަމުގެ ސިނާއަތައް ޖުމްލް 6535 ޓޫރިސްޓް އެނދު އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. މީގެތެރޭގައި މިދިޔަ އަހަރު ހުޅުވުނު 3 ރިސޯޓާއި 2024 ވަނަ އަހަރު ހުޅުވުނު 3 ރިސޯޓު ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރު އިތުރު 7 ރިސޯޓާއި ގެސްޓްހައުސްތައް އިތުރުވެގެންދާނެކަމަށެވެ. މިހާތަނަށް އެދެވޭގޮތައް ފަތުރުވެރިކަން ތަރައްޤީވެފައިނުވާ 6 އަތޮޅުގައި ހަލާލް ޓޫރިޒަމް ހިމެނޭހެން ފަތުރުވެރިކަން ފުޅާކުރުމަށް ޙާއްސަ އިނާޔަތްތަކާއިއެކު އިންވެސްޓްމަންޓަތަކަށް ހުޅުވާލާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.