ޚަބަރު

"އަމާޒަކީ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރުކުރުން"


  • މިއީ 2028 ވަނަ އަހަރަށް ކަނޑައަޅާފައިވާ %33ގެ އަމާޒަށް ވާސިލްވުމަށް ބޭނުންވާ މިންވަރުގެ %50

ސަރުކާރުގެ މިހާރުގެ އަމާޒަކީ އަދަދު ދެގުނަކޮށް އިޔާދަ ކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ހަކަތައިގެ ސިޔާސަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާނެކަން އިއުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ 2028 ވަނަ އަހަރަށް ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒަށް ވާސިލްވުމަށް ބޭނުންވާ މިންވަރުގެ 50 އިންސައްތަ ކަމަށެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މާލެ ސިޓީއާއި ރާއްޖޭގެ އެކި ރަށްތަކުގައި އިއާދަކުރަނިވި ހަކަތައިގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ބޭރުން ތެޔޮ އެތެރެކުރުމަށް. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް 443.6 މިލިއަން ޑޮލަރުގެ ޑީސަލް އެތެރެކުރާއިރު، މީގެ ބޮޑު ބަޔަކީ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ. ހަކަތަ އުފެއްދުމަށް މިހާ ބޮޑަށް ޑީސަލަށް ބަރޯސާވެފައި އޮތުމަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމަށް ނުވަތަ އެނަރޖީ ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ނުރައްކާ". ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރު ޙަވާލުވިއިރު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ އެންމެ 4 އިންސައްތައިގައި ނުވަތަ 53 މެގަވޮޓްގައި ކަމަށެވެ.

"މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ، އެންމެ 4 އިންސައްތައިގައި ނުވަތަ 53 މެގަވޮޓުގައި ނަމަވެސް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން މި އަދަދު މިހާރު ވަނީ 110 މެގަވޮޓަށް އިތުރުކުރެވިފައި. މިއީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ދާއިރާއެއް" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވެ، ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިއީ، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށާއި، އިޤްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.