ޚަބަރު

ވީއައިއޭއަށް މިދިޔަ އަހަރު 8 މިލިޔަން ފަސިންޖަރުން


  • 5.38 މިލިޔަން ފަސިންޖަރުންނަކީ ބައިނަލްއަޤުވާމީ ދަތުރުވެރިން

  • 249,214 އެއާޓްރެފިކް މޫވްމަންޓްސް ވަނީ ރެކޯޑް ކުރެވިފައި

ނިމިދިޔަ 2025ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭއިން 8.28 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިިމިޓެޑް، އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިިދިޔަ އަހަރު ވީއައިއޭއިން ޚިދުމަތް ފޯރުކޮށްދިން ފަސިންޖަރުންގެ ތެރެއިން 5.38 މިލިޔަން ފަސިންޖަރުންނަކީ ބައިނަލްއަޤުވާމީ ދަތުރުވެރިންނެވެ. މިއީ ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވީއައިއޭގެ ދައުރު ވަރަށް ބޮޑަށް ހާމަކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، ޑޮމެސްޓިކް ދަތުރުވެރިންގެ އަދަދު 1.17 މިލިޔަނަށް އަރާފައިވާއިރު، ދުނިޔޭގެ އެންމެ ބާރުބޮޑު ސީޕްލޭން ނެޓްވޯކް މެދުވެރިކޮށް 1.73 މިލިޔަން ފަސިންޖަރުން މިދިޔަ އަހަރު ވަނީ ދަތުރުކޮށްފައެވެ.

ރެކޯޑް އަދަދުތަކެއް

މިިދިޔަ އަހަރު ވީއައިއޭއިން ވަނީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ރެކޯޑްތަކެއްވެސް އާކޮށްފައެވެ. އެގޮތުން، 28 ޑިސެންބަރު 2024 ގައި 27,381 ފަސިންޖަރުން ޓާމިނަލް ބޭނުންކޮށްފައިވާއިރު، މިއީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރި ދުވަހެވެ. މީގެއިތުރުން، ސީޕްލޭން އޮޕަރޭޝަންތަކަށް ބަލާއިރު، އެންމެ ބާރުބޮޑުވީ 16 ފެބްރުއަރީ 2025 ގައެވެ. އެ ދުވަހު އެކަނިވެސް 7,439 ފަސިންޖަރުންނަށް ވަނީ ޚިދުމަތް ދީފައެވެ.

ވައިގެ ދަތުރުފަތުރުގެ ހަރަކާތްތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 249,214 އެއާޓްރެފިކް މޫވްމަންޓްސް، އޭޓީއެމް ރެކޯޑް ކުރެވިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނެނީ 34,868 ބައިނަލްއަގުވާމީ ދަތުރު، 28,348 ޑޮމެސްޓިކް ދަތުރު، އަދި 185,998 ސީޕްލޭން ދަތުރުތަކެވެ.

އެމްއޭސީއެލުން ވިދާޅުވީ، މި ކުރިއެރުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، ރަށްރަށުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވުމުގެ ސަބަބުން ބައިނަލްއަގުވާމީ، ޑޮމެސްޓިކް އަދި ސީޕްލޭން އޮޕަރޭޝަންތަކަށް އައި ކުރިއެރުމެއް ކަަމަށެވެ.

ފަސިންޖަރުންނާއި ފްލައިޓްތަކުގެ އަދަދު މިގޮތަށް އިތުރުވަމުން ދިއުމަކީ ވީއައިއޭގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި، މިއީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ދެމިއޮތްކަން އަންގައިދޭ ކަމެއް ކަަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އެއާޕޯޓުގެ އިންފްރާސްޓްރަކްޗާ ތަރައްޤީކުރުމުގެ މަސައްކަތްތަކާއެކު، ކުރިއަށް އޮތް އަހަރުތަކުގައި މި އަދަދުތައް އިތުރަށް މަތިވާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.