ޚަބަރު

ޞިއްޙީ ވަސީލަތްތައް ޤާއިމުކުރަން 5 ބިލިޔަން ރުފިޔާ


  • ޞިއްޙީ ޚިދުމަތްދޭ 160 އަށްވުރެ ގިނަ ފެސިލިޓީގެ މަސައްކަތް ކުރިއަށްދޭ

  • 30 ހޮސްޕިޓަލެއް ތަރައްޤީކުރުން ކުރިއަށްދޭ

ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް އެކި މަރުހަލާތަކުގައި 5 ބިލިޔަން ރުފިޔާގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ޞިއްޙީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށް ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކަށް ޚާއްސަކޮށް ކުރިއަށްދާކަމަށެވެ.

"ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި، ޞިއްޙީ ދާއިރާގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ޞިއްޙީ މަރުކަޒުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި އަރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 7 ސަރަޙައްދުގެ މައި ހޮސްޕިޓަލްތައް އަދި ރީޖަނަލް ހޮސްޕިޓަލްޓައް ހިމެނޭހެން ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރު ހަވާލުވެ، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރަން ބެލިއިރު އޮތް ގޮންޖެހުމަކީ އެކަމަށް ބޭނުންވާ އިމާރާތުގެ ދަތިކަންކަމަށެވެ. އެހެންކަމުން ޖާގަހުރި މިންވަރުން ޚިދުމަތްތައް ފުޅާކުރަމުންދާއިރު، އިތުރު ޚިދުމަތްތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ޞީއްޙީ ޚިދުމަތްދޭ 160 އަށްވުރެ ގިނަ ފެސިލިޓީގެ ޢުމްރާނީ ތަރައްޤީއާއި ގުޅޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

"30އަށްވުރެ ގިނަ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރިއަށްދޭ. 20 އަށްވުރެ ގިނަ ހެލްތު ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދޭ. ހެލްތު ސެންޓަރު އެކްސްޕެންޝަން 90 މަޝްރޫޢު ކުރިއަށްދޭ. އަދި އިތުރު 22 މަޝްރޫޢުއެއްގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފަށާނަން." ވަޒީރު ވިދާޅުވިއެވެ.


ވަޒީރު ވިދާޅުވީ މިތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތުގެ އިތުރުން، ހޮސްޕިޓަލްތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައްވެސް، ވޭތުވެދިޔަ ކައިރި މާޒީއެއްގައި ނާންނަހާ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފަވާކަމަށެވެ.

"އިތުރު 700އެއްހާ މުވައްޒަފުން އަތޮޅުތަކުގެ ސިއްޙީ އެކި ފެސިލިޓީތަކަށް ހޯދިއްޖެ. އޭގެތެރޭގައި ޑޮކްޓަރުން، ނަރުހުން، ލެބް ޓެކްނީޝަނުން، ކަސްޓަމާ ރިލޭޝަން ސަރިވިސް، އެޓެންޑެންޓުން، ޑްރައިވަރުން ހިމެނޭ. މާލެ ސަރަޙައްދުގައި އިތުރު 1000 މީހުން ވަނީ އިތުރުކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.

ޓަރޝާރީ ފެންވަރަށް ތަރައްޤީކުރަމުންދަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޏ.ފުވައްމުލަކު ހޮސްޕުޓަލްއެވެ.

މި ހޮސްޕިޓަލްތަކުގައި ސަބް-ސްޕެޝަލިޓީސްގެ ޚިދުމަތް، އެމް.އާރް.އައިގެ ޚިދުމަތް، ސީޓީ ސްކޭންގެ ޚިދުމަތް، ބްލަޑް ބޭންކްގެ ޚިދުމަތް، ލެބޯޓަރީގެ ޚިދުމަތްތައް ފުޅާކުރުން، ބަލިތައް ދެނެގަތުމުގެ ޚާއްސަ ޓެސްޓް އަދި މި ހޮސްޕިޓަލްތަކުގެ އެނދުގެ ކެޕޭސިޓީ 100އަށް އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތަކާއި ޚިދުމަތް ފުޅާކުރުމަށް މިއަހަރަށްވެސް 8.8 ބިިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.