ޚަބަރު

ނަތީޖާއެއް ނުލިބުނުނަމަވެސް ދިވެހިޓީމުން ސްރީލަންކާ ކޮޅަށް 6 ލަނޑު ޖަހައިފި


ސާފް ވިމެންސް ފުޓްސަލް ަޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅުނު 5 ވަނަ މެޗުގައި ސްރީލަންކާ ޕްރެޝަރަށްލާ މޮޅުކުޅުމެއް ދައްކައިފިއެވެ.

މިމެޗު ނިމުނީ 6-7 ސްރީލަންކާ ކުރި ހޯދައިގެންނެވެ. މެޗު ފަށައިގެން ކުރީކޮޅުގައި ސްރީލަންކާއިން ވަނީ 3 ލަނޑު ޖަހާ ބޮޑު ލީޑެއް ނަގާފައެވެ. އެހެންނަމަވެސް ދިވެހި ކުޅުންތެރިން ހިތްވަރު ދޫކޮށްނުލާ ކުރި މަސައްކަތުން ވަނީ ފަހަތުން އަރާ 3 ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަ ހަަމަކޮށްފައެވެ.

މިގޮތުން ދިވެހި ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އައިމިނަތު ފަޒްލާއެވެ. ދިވެހި ޓީމުގެ ދެވަނަ ލަނޑަކީ ނޫރާ ނަގައިދިން ކޯނަރަކުން ސްރީލަންކާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި ތިން ވަަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ފާތިމަތު ޝާލިޔާއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްރީލަންކާއިން ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ.

ދެވަނަ ހާފްގައި ކުޅެންނުކުމެ ދިވެހި ޓީމުގެ 4 ވަނަ ލަނޑު ޖަހާދީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ލަނޑުވެސް ދިވެހި ޓީމަށް ކާމިޔާބުކޮށްދިން ފަޒްލާއެވެ.

އެހެންނަމަވެސް ދިވެހި ޓީމުން ނަތީޖާ ހަމަހަމަކުރުމާއެކު ސްރީލަންކާ ޓީމުން ވަނީ އެޓޭކުތައް ވަރުގަދަކޮށް ގޯލެއް ޖަހާ އަނެއްކާވެސް ލީޑުނަގާފައެވެ. މިއީ ރާއްޖެ ޓީމުގެ ހަނީފާ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.

ދިވެހި ކުޅުންތެރިން ވަނީ އިތުރު ހިތްވަރެއްލާ ކުރި މަސައްކަތުގައި މެޗުގައި 3 ވަނަ ފަހަރަށްވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ކެޕްޓަން ޝާލިޔާ ނަގައިދިން ކޯނަރަކުން ސްރީލަންކާ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލަކާއެކުއެވެ.

ގޯލަކަށް ފަހު ގޯލެއް ފެނިގެންދިޔަ މި ހާފުގައި ސްރީލަންކާއިން 4 ވަނަ ފަހަރަށް ލީޑު ނެގީ ރާއްޖެއިން ނަތީޖާ ހަމަ ހަމަ ކުރިތާ މިނެޓެއްގެ ތެރޭގައެވެ.

ސްރީލަންކާއިން ލީޑު އިތުރަށް ފުޅާކުރީ ދިވެހި ޓީމުގެ ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑަކާއެކުއެވެ. އަދި މި ލީޑު ދިވެހި ޓީމުން އެންމެ ގޯލަކަށް ކުޑަކުރީ ލިބުނު ދުރު ޕެނަލްޓީއަކުން ރާނިޔާ އިބްރާހިމްއެވެ.

މިއީ މިމުބާރާތުގައި ދެ ޓީމުވެސް ކުޅުނު 5 ވަނަ މެޗެވެ. ދިވެހި ޓީމުގެ އެންމެ ފަހު މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ.