އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، މީހުން ވިލަރެސްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ހޭލުންތެރިކޮށް، މިކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެންޓިޓްރެފިކިން އިންޕާސަން އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ އަޒްހާ އިބްރާހީމް ވިދާޅުވީ، މި ބައްދަލުވުމަކީ ސަރުކާރުގެ އިދާރާތަކާއި އެކީގައި މަސައްކަތްކުރާ ސިވިލް ސޮސައިޓީ އަދި އެންޖީއޯތަކާއެކު މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދެވުނު ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.
އަޒްހާ ވިދާޅުވީ، މި ބައްދަލުވުމުގައި އެކްސްޕްލޮއިޓޭޝަން ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ އަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން ކުރެވޭނެ ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ތަހުގީގީ އަދި ޤާނޫނީގޮތުން އަދަބު ކަނޑައަޅާ މަރުހަލާ ކުރިއަށްދާއިރު، ބިދޭސީންނަށް ތަރުޖަމާކޮށްދޭނެ ފަރާތްތައް ނެތުމަކީ ގިނަ އިދާރާތަކުން ފާހަގަކުރި ބޮޑު ގޮންޖެހުމެއް ކަމަށް ގިނަ އިދާރާތަކުން ފާހަގަކުރެއްވި ކަމަށެވެ.
އެހެންކަމުން ޓްރާންސްލޭޓަރުން ހޯދުމުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި، އިންވެސްޓިގޭޝަން މަރުހަލާގައި ފޯރުކޮށްދޭންޖެހޭ ސައިކޯ ސޯޝަލް ސަޕޯޓާއި ލީގަލް ސަޕޯޓު ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނު ކަމަށް އަޒްހާ ވިދާޅުވިއެވެ.
"މީގެ އިތުރުންވެސް މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ބިދޭސީންގެ މައްސަލަތަކާއި ގުޅިގެން އެބޭފުޅުންނަށް އެންމެ ބޮޑަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްދެއްވާފަ. އަދި އެކަންތައްތައް ހައްލުކޮށްދެއްުމަށް އެންމެން އެކީގަ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެންދިޔަ." އަޒްހާ އިބްރާހީމް ވިދާޅުވިއެވެ.
އިންސާނީ ވަގުފާރީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް މީގެ ކުރިންވެސް ދާޚިލީ ވުޒާރާއިން ވަނީ ތަމްރީނު ޕްރޮގްރާމުތަކެއް ބާއްވާފައެވެ. އަދި މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން، އިންސާނީ ވަގުފާރީގެ މައްސަލަތައް މަދުކުރެވި، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.