ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ސަރުކާރުގެ ސްކޫލްތައް އޭސީކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢަކީ، ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ތަޢުލީމީ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރާާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ގްރޭޓަރ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތްކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ފެނަކައިން ވިދާޅުވީ، މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް %75 ސްކޫލެއްގައި އިންޑޯ އޭސީ ޔުނިޓް ހަރުކޮށްފައިވާކަމަށެވެ.
އެ ކުންފުނިން މަސައްކަތްކުރަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާލުމަށްކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.