ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ބޫޓާނުގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައި، ބަންގްލަދޭޝްއިން ޕޮއިންޓު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މި މެޗަށް ނުކުތްއިރު ބަންގްލަދޭޝް އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. އެއީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް، ދެވަނަ މެޗުން ބަލިވެފައިވާތީއެވެ.
ބެންކޮކުގެ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމުގައި ބޫޓާނާ ދެކޮޅަށް ނުކުމެ ބަންގްލަދޭޝްއިން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.
އެޓޭކިން ވިސްނުމެއްގައި މޮޅު ކުޅުމެއް ބަންގްލަދޭޝް ޓީމުގެ ފަރާތުން ފެނިގެންދިޔަ މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އެމްޑީ މުއީން އަހްމަދު ވަނީ ބަންގްލަދޭޝްއަށް ލީޑުނަގާދީފައެވެ.
އަދި އޭގެ ފަސް މިނެޓުފަހުން ބަންގްލަދޭޝްއަށް ލީޑުފުޅާކޮށްދިން ލަނޑު ވެސް ޖަހައިދިނީ މުއީންއެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ބަންގްލަދޭޝްއިން ދެވަނަ ހާފު ފެށިނަމަވެސް މި ހާފުގައި ފުރަތަމަ ލަނޑު ޖެހީ ބޫޓާނުންނެވެ. ހާފުގެ ނުވަ ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިންގާ ވާންގްޗުކެވެ.
އޭގެ ހަ މިނެޓުފަހުން އެމްޑީ ފައިސަލް ހުސެއިން ވަނީ ބަންގްލަދޭޝްގެ ތިންވަނަ ލަނޑު ޖަހައިދީ އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގައި އެ ޓީމުން ޖެހި ފަހު ލަނޑު، މެޗުގެ ކުޅުން ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކާޒީ އިބްރާޙީމް އަޙްމަދުއެވެ.
މި ނަތީޖާއާއެކު ތާވަލުގެ ހަތަރުވަނައަށް ބަންގްލަދޭޝް ޖެހިލިއިރު އެ ޓީމަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. މެޗުން ބަލިވި ބޫޓާން ތާވަލުގެ ފުލުގައި އޮތީ ތިން މެޗުން އެންމެ ޕޮއިންޓެއް ލިބި، ގެއްލުން ފަސް ގޯލާއެކުއެވެ.