ޚަބަރު

ކޭކު ޑިޒައިންކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑެއް ރާއްޖޭގައި ބާއްވަނީ


  • މިއެވޯޑަށް 38 ޤައުމެއްގެ ކޭކު އަޅާ ފަރާތްތަކުން ވާދަކުރޭ

  • ރާއްޖޭގެ 14 ފަރާތެއްވެސްވަނީ ފައިނަލިސްޓުންގެ ގޮތުގައި ހޮވިފައި

  • މި އެވޯޑު ޙަފްލާ ބާއްވަނީ އަންނަމަހުގެ 12 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި

ކޭކު ޑިޒައިންކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

"ވޯލްޑް ކޭކް އަރޓިސްޓްރީ އެވަރޑްސް 2026"ގެ ނަމުގައި ބާއްވާ މި އެވޯޑު ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުގައެވެ.

ރާއްޖޭގައި ކޭކު އެޅުމުގެ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާއެއް ހޯދާފައިވާ ފަރާތެއްކަމުގައިވާ މުޖުތަބާ ޢަބްދުﷲ އަމިއްލަ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭކު އެވޯޑުގައި 38 ޤައުމަކުން ކޭކު އެޅުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން މުޖުތަބާ ޢަބްދުﷲ ބުނީ މި އެވޯޑަށް ރާއްޖޭގެ މިދާއިރާގައި މަސައްކަތްކުރާ 14 ފަރާތަކުންވެސް ވާދަކުރާކަމަށެވެ. މިގޮތުން 834 ފަރާތެއް ނޯމިނޭޓްވެފައިވާއިރު އޭގެތެރެއިން 240 ފަރާތެއް ފައިނަލިސްޓުންގެ ގޮތުގައި ހޮވިފައިވާކަމަށްވަނީ ބުނެފައެވެ.


މުޖުތަބާ ބުނީ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން އެކި ޤައުމުތަކުން ބައިވެރިން ވަރަށް ތަފާތު ހުނަރުތައް ދައްކާލާފައިވާކަމަށެވެ. އަދި މިއާއެކު ބައިނަލްއަޤުވާމީ ކަލިނަރީ މައިދާނުގައި ރާއްޖެ ވިދާލާނެކަމަށް މުޖުތަބާ ފާހަގަކުރެއެވެ. މިއެވޯޑު ޙަފްލާގައި 60 ދާއިރާއަކުން އެވޯޑުތައް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ކޭކު ޑިޒައިންކުރުމާއި، ޝުގަރ އާޓް ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށް މިއެވޯޑު ދިނުމުގައި ބަލާނެކަމަށް އޭނާ ފާހަގަކުރެއެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤުވާމީ ފަނޑިޔާރުންގެ ޕެނަލްއަކުން އިންސާފުކުރުމަށްފަހުގައެވެ.

މިއެވޯޑަށް ކުރިމަތިލާފައިވާ ޤައުމުތަކަށް ބަލާއިރު އަލްޖީރިއާ، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ބްރެޒިލް، ކެނެޑާ، ޗިލީ، މިސްރު، ފްރާންސް، ހަންގޭރި، އިންޑިއާ، އިރާން، އިރާޤް، އަޔަރލޭންޑް، ޖަޕާން، އުރުދުން، މެލޭޝިއާ، ރާއްޖެ، މެކްސިކޯ، ނެދަލޭންޑްސް، ނައިޖީރިއާ، ޕާކިސްތާން، ފިލިޕިންސް، ޕޮލޭންޑް، ރަޝިޔާ، ސަޢުދި ޢަރަބިއްޔާ، ސައުތު ކޮރެއާ، ސްރީލަންކާ، ސީރިއާ، ތައިލޭންޑް، ޓިއުނޭޝިޔާ، ތުރުކީ، އިނގިރޭސިވިލާތް، ބެލްޖިއަމް އަދި ސައުތު އެފްރިކާ ހިމެނެއެވެ.

މިފުރުޞަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އެކި ފަރާތްތަކަށް ތަފާތު ސަޤާފަތްތައް ފެނި ދަސްކުރުމުގެ މާޙައުލެއް ލިބިގެންދާނެކަމަށް މުޖުތަބާވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢާތަށްވެސް ލިބިގެންދާނެ ފަހި ފުރުޞަތެއްގެ ގޮތުގައި އޭނާ ބުނެއެވެ.