ޚަބަރު

ޓީމުގެ ފަހަތުގައި ތިބެދީ، އިންޝާ ﷲ ކާމިޔާބީ ހޯދާނަން: އިޝާން


ހުރިހާ ދިވެހިން ވެސް ޤައުމީ ފުޓްސަލް ޓީމާއެކު، ޓީމުގެ ފަހަތުގައި ތިބެދިނުމަށް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ އިޝާން އިބްރާޙީމް (ސައްޓު) އެދިއްޖެއެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ހޯދި ބޮޑު މޮޅަށްފަހު އިޝާން ބުނީ، އުއްމީދުކުރީ މިއީ ވަރަށް އުނދަގޫ މެޗަކަށް ވާނެކަމަށް ނަމަވެސް، ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ދެއްކި ހިތްވަރުން މެޗުން ބޮޑު ތަފާތަކުން މޮޅުވެވުމުން އުފާކުރާ ކަމަށެވެ.

އަދި މިއީ ލީގު އުސޫލުން ކުރިއަށްދާ މުބާރާތެއްކަމުން މި ލިބުނު ތިން ޕޮއިންޓަކީ މުހިންމު ތިން ޕޮއިންޓު ކަމަށާއި ކުރިއަށް އޮތް މެޗު ކާމިޔާބުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާނެކަމަށް އިޝާން ބުންޏެވެ.

"އުއްމީދުކުރީ ވަރަށް އުނދަގޫ މެޗަކަށް މި މެޗު ވާނެކަމަށް. އެކަމަކު ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރި. މިއީ މުހިންމު މޮޅެއް. މިއީ ލީގު އުސޫލުން ކުރިއަށްދާ މުބާރާތެއްކަމުން މިއީ ޓީމަށް ލިބުނު މުހިންމު ތިން ޕޮއިންޓު. އެހެންކަމުން ދެން އޮތް މެޗަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެ، އެ މެޗު ވެސް ﷲ ގެ އިރާދަފުޅާއެކު ކާމިޔާބުކުރަން ގަދައަޅާ މަސައްކަތްކުރާނަން". ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި މެޗުގައި ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިން އިޝާން ބުންޏެވެ.

ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަންކަން ވެސް މީގެކުރިން ކޮށްފައިވާ އިޝާން ވަނީ ސަޕޯޓަރުންނަށް ޙާއްސަ މެސެޖެއް ވެސް ދީފައެވެ.

"ޓީމުގެ ފަހަތުގައި ތިބެދީ. ޓީމަށް ސަޕޯޓުކޮށްދީ. އިންޝާ ﷲ ރާއްޖެ ކުރިއަށް އޮތް މެޗުން ވެސް މޮޅުވާނެ". ފުޓްސަލް ކޮމިއުނިޓީގައި އެންމެ ގަދަރުވެރި އެއް ކުޅުންތެރިޔާ ކަމުގައިވާ އިޝާން ބުނެފައިވެއެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، ދެ މެޗުން، ޖުމްލަ 13 ލަނޑު ކާމިޔާބުކޮށް، ޕޮއިންޓު ތާވަލުގެ އެއްވަނައިގައި ވެސް އޮތީ ރާއްޖެއެވެ. ބައިކޮޅަށް ވަދެފައި ވަނީ އެންމެ ދެ ލަނޑެވެ.

މުބާރާތުގައި ރާއްޖެއަށް ކުރިއަށް ދެން މެޗެއް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ މެޗުގައި ރާއްޖެއިން ނުކުންނާނީ ސަރަހައްދީ ކުޅިވަރުގައި ރާއްޖެއާ އެންމެ ވާދަވެރި، އިންޑިއާ އާ ދެކޮޅަށެވެ. އިންޑިއާއިން މުބާރާތުގައި މިހާތަނަށް ކުޅުނު ހަމައެކަނި މެޗުގައި، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ވަނީ 3-3 އިން އެއްވަރުވެފައެވެ.