ޚަބަރު

ކައުންސިލް އިންތިޚާބު: ފޯމު ބަލައިގަތުން ވަކި ގަޑިތަކެއްގައި، ހުށަހެޅޭނީ އޮންލައިންކޮށް


  • ފޯމު ބަލައިގަންނާނީ ޖަނަވަރީ 17 އިން 1 ފެބްރުވަރީއަށް

  • ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ފޯމް ބަލައިގަންނާނީ 8:30 އިން 15:30

  • ހުކުރު ދުވަހު ފޯމް ބަލައިގަންނާނީ 15:30 އިން 18:00 އަށް

އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ އެހެން އަހަރުތަކާއި ޚިލާފަށް އިދާރީ ގިނަ ކަންކަން ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށް ގެންދާ އިންތިޚާބެކެވެ. ވޯޓާސް ލިސްޓާއި ގުޅޭ ކަންކަމުން ފެށިގެން ގޮސް ކެނޑިޑޭޓުން ފޯމު ބަލައިގަތުމާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޑިޖިޓަލައިޒްކޮށް އޮންލައިންކޮށް ހުށަހެޅޭ ގޮތަށެވެ.

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަކީ ރާއްޖޭގެއި ބާއްވާ ބޮޑު އިންތިޚާބުތަކުގެ ތެރެއިން އެއް އިންތިޚާބެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުން ނެވެ. މި އިންތިޚާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭނީ ރަށާއި ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަދަދަށެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މިހިނގާ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ފުރުސަތު ބަންދުވާނީ ފެބުރުވަރީ 1 ވަނަ ދުވަހު މެނދުރުފަހު 3:30 ގައި ކަމަށް އިލެކްޝަންސް ކޮމީޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓުންނަށް މައިޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ މަރުހަލާތައް ފުރިހަމަ ކުރުމަށް ފުރުސަތު ދީފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ފުރިހަމަކޮށްފައިވާ ފޯމް ހުށަހެޅޭނީ ހޮނިހިރު ދުވަހު ފުރުސަތު ހުޅުވާލުމުން ކަމަށް އީސީން ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިމަރުހަލާ ކުރީބައިގައި ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް ހޯދައި، އެކަމަށް ތައްޔާރުވުމާއި، ފޯމް ހުށަހެޅުމުގައި ދިމާވެދާނެ މައްސަލަތައް ދުރާލާ ދެނެގަތުމެވެ.

ކޮންމެ ކެނޑިޑޭޓަކުވެސް ފޯމް ހުށަހަޅާއިރު ސަމާލުކަން ދޭން ޖެހޭ މުހިންމު ބައެއް ކަންކަން އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އޭގެތެރެއިން އެއް ކަމަކީ ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ވަގުތެވެ. އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅޫވާލުމުގެ ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ރަސްމީ ގަޑިތަކުގައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް ފޯމް ބަލައިގަންނާނެއެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.

""މިގޮތަށް ހުށަހަޅާއިރު އަޅުގަނޑުމެންވެސް އެބަޖެހޭ އިދާރީ ގޮތުން އިންތިޒާމުތަކެއް ހަމަޖައްސަން. އެކަން ކުރުމާށް ޕޯޓަލްއިން ވަގުތުތަކެއް އެބަކަނޑައަޅަން. އެއީ އަޅުގަނޑުމެންނަށް ޖެހޭ. ކެނޑިޑެސީ ބަލައިގަތްތޯ ނުވަތަ ނޫންތޯ ފަސް ދުވަހުގެ ތެރޭގައި އަންގަން." އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވިއެވެ.

ފޯމް ހުށަހަޅާއިރު ހޯދަން ލިއެކިއުންތައް ހޯދުމުގައި ކޮމިޝަނުން ބަލައިގަންނަ ޝަރުތުތަކާއި އެއްގޮތަށް ލިއެކިއުންތައް ހުރިތޯ ކަށަވަރުކުރުމަށް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ތެރެއިން އެއް ލިޔުމަކީ ކޯޓުތައް މެދުވެރިކޮށް ހޯދާ، ކުށުގެ ރެކޯޑެވެ. ވަޒީފާއަށް ހުށަހަޅާ ހާލަތުގައި 5 އަހަރަށް ރެކޯޑު ސާފުކުރިނަމަވެސް އިންތިޚާބަށް ހުށަހަޅާ ކެނޑިޑޭޓުން ކުށުގެ ރެކޯޑު ސާފުކުރަން ޖެހެނީ އުމުރަށްކަން އެކޮމިޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން ޝަރުތުތަކުގައި ތެރޭގައި ހިމެނޭ ސާބިތު ދަރަންޏެއް އޮތް ފަރާތްތަކުން ފޯމު ހުށަހެޅުމުގައި ސާމާލުކަން ދޭން ޖެހޭކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. ސާބިތު ދަރަންޏެއް އޮވެ އެ ދަރަނި ޤަވާއިދުން ދައްކަމުންދާކަން ކަށަވަރުކުރެވޭ ލިއުމެއް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. ސާބިތު ދަރަންޏެއް ކަމުގައި ބަލާ ހާލަތްތަކުގެ ތެރޭގައި ދޭދޭ ފަރުދުންގެ މެދުގައި ވޭވެ އެއްބަސްވުންތަކަށް ޝަރުޢީ ކޯޓަކުން ދަރަނި އަދާކުރުން ހުކުމް ކުރުމާއި، ވަރީގެ މައްސަލަތަކުގައި ދަރިންނަށް ޚަރަދު ދިނުމުގެ މައްސަލަތަކުގެ އިތުރުން އެކި މާލީ އިދާރާތަކުން ނަގާފައިވާ ލޯނަށް ފައިސާ ދެއްކުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މާލީ އިލްތިޒާމެއް ފުރިހަމަ ކުރަމުންދާ ފަރާތެއް ނަމަ، އެ މާލީ އިދާރާއެއް ނުވަތަ ބޭންކެއް މެދުވެރިކޮށް ހޯދާ ލިއުމުގައި އެ ފަރާތްތަކީ ޤަވާއިދުން އެ ދައްކަން ޖެހޭ އަދަދަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން ލިއުމުން ސާފުކޮށް އެނގެން ޖެހޭނެ ކަމަށެވެ. އެނޫންނަމަ ފޯމު ބަލައި ނުގަންނާނެ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސްގެ މައި ޕޯޓަލް ފަރުމާކޮށްފައިވާ ގޮތުން ފޯމް ހުށަހަޅާ ވަގުތު އެނގެން ހުންނާނެ ކަމާށާއި، ފޯމު ބަލައިގަންނަ ވަގުތުން ބޭރުން އެއްވެސް ފޯމެއް ބަލައި ނުގަންނަ ގޮތަށް ޕޯޓަލް ފަރުމާކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން ފަރުމާކޮށްފައިވާ ގޮތުން ޤާނޫނީ ގޮތުން އަންހެނުން އެކަނި ކުރިމަތިލާ ގޮނޑިތަކަށް ފިރިހެނުންނަށް ކުރިމަތިނުލެވޭނެ ގޮތަށްވެސް ޕޯޓަލް ފަރުމާކުރެވިފައިވާ ކަމަށެވެ. އަދި އަމިއްލައަށް ކުރިމަތިލާ ފަރާތްތަކުން ތާޢިދު ހޯދުމުގެ ކަންކަވެސް މައި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ހެން އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

އެލެކްޝަން ކޮމިޝަނުން ވަނީ ފޯމު ހުށަހެޅުމުގެ ކަންކަން ލަސްނުކޮށް އަވަހަށް ކުރިއަށް ގެންދަން އިލްތިމާސްކުރައްވާފައެވެ.