ޚަބަރު

ދިވެހި ވަތަނީ ޚިދުމަތް: ޢަޤީދާ ވަރުގަދަ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މުހިންމު މަސައްކަތެއް!


  • ފަންނީ ތަމްރީނުގައި ޖުމްލަ 66 ޒުވާނުން ބައިވެރިވޭ

  • ތަމްރީނުތައް ކުރިއަށްދާނީ ބ.ކިހާދޫގައި ހުންނަ ސިފައިންގެ މަރުކަޒުގައި

ޤައުމިއްޔަތަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ވަތަނީ ޚިދުމަތުގެ ގައުމީ ޕްރޮގްރާާމަށް އާންމުންގެ ފަރާތުންވެސް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ފުރަތަމަ ބުރުން ދަސްވެނިވި 344 ބައިވެރިންގެ ތެރެއިން، ޝަޢުގުވެރިކަން ފާޅުކުރި ބައެއް ބައިވެރިން މިހާރު ވަނީ، ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް ބ. ކިހާދޫއަށް ފުރާފައެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ ޖުމްލަ 66 ބައިވެރިން މިފަހަރުގެ މި ޕްރޮގްރާމުގައި ބައިވެރިވިއެވެ.

ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ ކިހާދޫގައި ހުންނަ ސިފައިންގެ މަރުކަޒުގައެވެ. 4 މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމަކީވެސް، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3ގެ ސެޓްފިކެޓެއް ލިބޭނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

މިއީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.


ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމުކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމަކީ މި ޕްރޮގުރާމްގެ މަޤުޞަދެކެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށްގެންދަނީ ޅ.މާފިލާފުށީގައެވެ. މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމް، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީން ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ކުރިއަށް ގެންދެއެވެ.

މުޖުތަމަޢުގައި މިހާރު އާންމުވަމުން އަންނަ އެތަކެއް ނޭދެވޭ ސިފައަކަށް މި ޕްރޮގްރާމުގެ ސަބަބުން ހައްލުލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.