ޚަބަރު

މިހާރު 18 ތަނަކުން އާސަންދައިން ނަންބަރު އައިނު ހެއްދޭނެ


  • މީގެ ތެރޭގައި ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި އައިނު ފިހާރަތައް ހިމެނޭ

  • އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ސަރުކާރުން ވަނީ ބޮޑުކޮށްފައި

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދެވޭނެކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއްޖެއެވެ. އެ ތަންތަނުގެ ތެރޭގައި މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނެއް ހިމެނެއެވެ.

ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ދޫކުރާ ލިޔުމަށް ހައްދާ އައިނު އާސަންދައިން ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

އާސަންދައިން އައިނު ހެއްދޭނެ ތަންތަން:

• އޭޑީކޭ ހޮސްޕިޓަލް
• އެޑްވާންސް އައި ކްލިނިކް
• އެޑްވާންސް މެޑިކަލް ކްލިނިކް
• އެއިމްސް ޑައިގްނޯސްޓިކް ކެއަރ
• އާޒިމް ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ
• ސިޓީ އޮޕްޓިކަލް ކްލިނިކް
• އައި ކެއަރ ކްލިނިކް
• އައި ކެއަރ ކްލިނިކް ހުޅުމާލެ ބްރާންޗް
• އައި ކެއަރ ހޮސްޕިޓަލް
• އައި ކެއަރ ހޮސްޕިޓަލް ހުޅުމާލެ
• ފަރޫކް ހެލްތު ކެއަރ
• މޯލްޑިކެއަރ
• ނޫސަންދާ
• ސެނަހިޔާ
• ޓްރީޓޮޕް ހޮސްޕިޓަލް
• ވިޝަން ކްލިނިކް
• ޕަބްލިކް ހެލްތު ފެސިލިޓީސް

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިިހާރާއެއްވެސް ހުޅުަވައިފައެވެ. އަދި އާސަންދައިން އައިނު ހައްދަން ދޭ އެހީވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.